ލަމްބަގިނީ ދުއްވަން އިން ރިފާއުގެ ލައިސަންސް ހިފަހައްޓައިފި

Screenshot

ހުޅުމާލެ ބްރިޖް ހައިވޭގެ ސޯލާ ޕެނަލްތަކުގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުވި ލަގްޒަރީ ކާރު ލަމްބަގިނީ ދުއްވަން އިން ހަސަން ރިފާއުގެ ލައިސަންސް ހިފަހައްޓައިފި އެވެ.

ހުކުރު ދުވަހު ހެނދުނު ހިނގި އެ އެކްސިޑެންޓުގައި ކާރު ފުށުން ޖެހިފައި އޮތް އިރު ސޯލާ ޕެނަލްތައް ހަރުކުރަން ޖަހާފައިވާ ދަގަނޑުތައް ބުރިވެ ގިނަ އަދެއްގެ ސޯލާޕެނަލް ތަށްވެސް ވަނީ ބޭނުންނުކުރެވޭވަރަށް ހަލާކުވެފައެވެ. އަދި އެކްސިޑެންޓުގައި ކާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

އެ ކާރު ސޯލާ ޕެނަލްގެ ހޮޅިދަނޑީގައި ޖެހި ފުރޮޅާލިއިރު، ކާރުގައި ދުއްވަން އިނީ ބ. ކަމަދޫ، މިޔްނިކް، ހަސަން ރިފާއު އާއި އޭނަގެ 13 އަހަރުގެ ފިރިހެން ދަރިފުޅެވެ.

ފުލުހުން ބުނީ ކާރުގައި ތިބި  ރިފާއުއާއި ކުޑަކުއްޖާއަށް ޓްރީޓޮޕްގައި ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލައިފައިވާ ކަމަށެވެ.

އެ ކާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު، މައްސަލައިގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ފަހު ކާރުގެ ބައިތައް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ރިފާއުގެ ޑްރައިވިން ލައިސެންސް ހިފަހައްޓައިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.