ވެރިކަމުގައި ތިބޭ ބަޔަކާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ ވަރުގަދަ ޖިހާދެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ތިނަދޫ ސިޓީގައި ރޭ ބޭއްވި ”އާބާދީ 60“ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޖިހާދަކީ ކޮންމެހެން ކަނޑި ބަޑި ހިފައިގެން ނުކުމެ މަސައްކަތް ކުރާ ކުރުމެއް ނޫން ކަމަށާއި އެބަޔަކު ގަބޫލުކުރާ ހަމަތަކެއް ގާއިމުކުރުމަށް، ވެރިކަމުގައި ތިބި ބަޔަކާ ދެކޮޅަށް ކުރާ ކޮންމެ މަސައްކަތަކީ ވަރުގަދަ ޖިހާދެއް ކަމަށެވެ.
އަދި ޖިހާދަކީ އެއްވެސް ގޮތަކަށް އަންނަ އުދުވާނަކާ ދެކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި ކޮންމެ ދަތިކަމަކުން އަރައިގަތުމަށް ހިތްވަރާއެކު ނުކުމެ ރައްޔިތުންގެ މަސްލަހަތުގައި ކުރާ ކޮންމެ ކަމަކީ ޖިހާދެއް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހާލަތު ވަަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށެވެ. އަދި ވެރިކަމުގެ ބާކީ އޮތް ދެ އަހަރު ދުވަހުވެސް މާގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެހެންވެ ގައުމުގެ ހާލަތު ބަދަލުކުރުމަށް ރައްޔިތުން ނުކުންނާނެ ކަމަށާއި އެކަން ކުރެވޭނީ ހާލަތު ބަދަލުކުރަން މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.


