މާލޭ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ހަތަރު މީހަކު ފިހިގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ބުނީ، މ. ދޫގަސްގައި ގޭސްފުޅިއެއް ގޮވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 5:27 އެހައިކަންހާއިރު ކަމަށާއި އެ ގޭގައި ރޯވި އަލިފާން މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ފިހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުންދަނީ ހަތަރު ބިދޭސީންނަށް ކަމަށާއި އެއީ ބަންގްލަދޭޝްގެ ދެ މީހަކާއި އިންޑިއާ ދެ މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ، އެ ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށެވެ.


