ކުދި ޖަޒީރާ ގައުމުތަކަކީ ހައްލުތަކާއި އީޖާދުތައް ތަހުލީލުކުރާ ލެބޯޓަރީތަކަށް ހެދިދާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ ކުޑަކަމަކީވެސް, އެއިން ފައިދާ ހޯދޭނޭ ކަމަކަށް ހެދިދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ, އިއްޔެ ރާއްޖޭގައި ފެށި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް (ޖީބީއެން) ފޯރަމްގެ އިފުތިތާހީ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އެ މަނިކުފާނު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) އަކީ ހަމައެކަނި މޫސުމީ ނާޒުކުކަން ބޮޑު ގައުމުތަކެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި, އެއީ އީޖާދާއި ވިޔަފާރީގެ ވަސީލަތްތަކެއްގެ ގޮތުގައި ބަލައިގަތުމަށް އެދިވަޑައިގެންފަ އެވެ.

އަދި ވެށީގެ ނާޒުކު ކަމަކީ ކުދި ޖަޒީރާ ގައުމުތަކުގެ ވާހަކައިގެ އެންމެ ބާބެއް ކަމަށާއި އެ ވާހަކައިގެ ބާކީ ބައިގައި އޮންނަނީ އެ ގައުމުތަކުގައިވާ ހިންމަތްތެރިކަމުގެ ވާހަކަތައްކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ, ކުދި ޖަޒީރާ ގައުމުތަކަކީ އެ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތައް އުފެއްދުންތެރިކަމަށް ބަދަލުކުރާ, ހުރަސްތައް އީޖާދީ ހިޔާލުތަކަށް ބަދަލުކުރާ އަދި ޖަޒީރާތަކުގެ ދެމެދުގައިވާ ދުރުމިން ގާތްކަމަށް ބަދަލުކުރާ ގައުމުތަކެއް ކަމަށެވެ. އެހެންކަމުން ކުދި ޖަޒީރާ ގައުމުތަކަކީ ފަންނިއްޔާތާއި ހައްލުތަކާއި ހިޔާލުތަކާއި އީޖާދުތައް ތަހުލީލުކުރާ ލެބޯޓަރީތަކަކަށް ހެދިދާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ޑިޖިޓަލް ގުޅުންތަކަކީ ހަމައެކަނި މުވާސަލާތާ ގުޅުންހުރި މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މިއަދު ޑިޖިޓަލް ގުޅުންތައް ވެފައިވަނީ ވިޔަފާރި އާއި މާލީ ހިދުމަތްތަކާއި ފަތުރުވެރިކަމާއި އުފެއްދުންތެރިކަމުގެ ސިނާއަތަށް ބާރުދޭ އިގުތިސާދީ ބިނާރަކަށް ކަމަށެވެ.