ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.
1 އޮކްޓޫބަރު 2024 ގައި ތަންފީޒު ކުރަން ފެށި ބޭރު ފައިސާގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް ރާއްޖޭގެ ބޭންކުތަކަށް މާރުކުރަންޖެހެ އެވެ. އެގޮތަށް މާރުކުރަން ޖެހެނީ އާމްދަނީ ލިބޭތާ ތިން މަސް ތެރޭގައި ކަމަށްވެސް ގާނޫނުގައި ބުނެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ, އެ އަދަދު 40 ޕަސެންޓަށް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ކުރިން ދޭ ތިން މަސް ދުވަހުގެ ބަދަލުގައި އެއް މަސް ތެރޭގައި މާރުކުރަން ޖެހޭ ގޮތަށް ހަދަންވެސް ހުށަހަޅުއްވާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.


