އެކްސިޑެންޓުވުމުން ފިލި ދޯނި މަހަކަށްވުރެ ގިނަ ދުވަސް ފަހުން ފެނިއްޖެ

އެކްސިޑެންޓުގައި ގެއްލުން ލިބުނު ލޯންޗު:

މާލޭގެ އެއް ނަންބަރު ޖެޓީއާ ދިމާލުން ބޭރުން މިދިޔަ ޖުލައި މަހު ހިނގި ކަނޑުމަތީގެ އެކްސިޑެންޓަށްފަހު ފިލި ލޯންޗު މަހަކަށްވުރެ ގިނަ ދުވަސް ފަހުން ހޯދައިފި އެވެ.

”ލީޖަން 1“ ނަމަކަށް ކިޔާ ލޯންޗަކާއި ދޯންޏެއް ޖެހި އެ އެކްސިޑެންޓް ހިނގީ 9 ޖުލައި 2026ގެ ރޭ 9:15 ހާއިރެވެ. އެ އެކްސިޑެންޓުގައި ހަތަރު ބިދޭސީއަކާއި ދިވެއްސަކު އަނިޔާވި އެވެ.

އެކްސިޑެންޓަށްފަހު އެ ދޯނި މަޑުނުކޮށް ފިލައިގެން ދިއުމާ ގުޅިގެން، އެ އުޅަނދު ހޯދަން 11 ޖުލައި 2026 ގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދުނެވެ.

ފުލުހުން މިއަދު ބުނީ، އެ މަސައްކަތުގެ ތެރެއިން 22 އޮގަސްޓް 2026 ވަނަ ދުވަހުގެ ހަވީރު 5:52 އެހައިކަންހާއިރު އެ ދޯނި ހުޅުމާލެ ފަޅުގައި އަޅާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

އެގޮތުން، ފުލުހުން އެ އުޅަނދު ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް ކަށަވަރުކުރަންޖެހޭ ކަންކަން ކަށަވަރުކުރުމަށްފަހު، އެ ހާދިސާއާ ގުޅިގެން ދޯނީގެ ކެޕްޓަންގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ބުންޏެވެ.