އަދީބު ދައުލަތަށް ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ދައްކައި ހަލާސްކޮށްފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް --- ފޮޓޯ: އަދީބުގެ އިންސްޓަގްރާމް

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއިން ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ދައުލަތަށް ދައްކައި ހަލާސްކޮށްފި އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ކުރި ދެ ދައުވާއަކަށް ކޮންމެ ދައުވާއަކަށް އެއް މިލިއަން ރުފިޔާ އިން އަދީބު ޖޫރިމަނާކުރީ 5 އޮކްޓޫބަރު 2020 ގައެވެ. އެ ހުކުމުގައި އެ ދެ މިލިއަން ރުފިޔާ ދައުލަތަށް ދައްކައި ހަލާސްކުރުމަށް ދިނީ އެއް މަސް ދުވަހެވެ.

ނަމަަވެސް ހުކުމާ އެއްގޮތަށް އެއް މިލިއަން ރުފިޔާ ދައުލަތަށް ދައްކައި، ބާކީ ފައިސާ ދައްކައި ހަލާސް ނުކުރާތީ އެޓާނީ ޖެނެރަލް އޮފީހުން އެ މައްސަލަ މެއި 2023 ގައި ސިވިލް ކޯޓަށް ހުށަހެޅި އެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ސިވިލް ކޯޓުން 1 ޖަނަވަރީ 2025 ގައި ހުކުމްކުރި އެވެ.

ސިވިލް ކޯޓުން މިއަދު ވަނީ، މިދިޔަ ހަފުތާގައި އަދީބު އެ ފައިސާ ދައްކައި ހަލާސްކޮށްފައިވާކަން ދައުލަތުން އަންގައިފައިވާކަން ފާހަގަކޮށް މައްސަލަ ނިންމައިފަ އެވެ.

މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވާ ގޮތުން، ދައުލަތަށް އަދީބު ނުދައްކާ އޮތް އެއް މިލިއަން ރުފިޔާގެ ތެރެއިން އެއްލައްކަ ރުފިޔާ 11 ސެޕްޓެންބަރު 2025 ގައި ވަނީ ދައްކައިފަ އެވެ. ބާކީ އޮތް 900،000 ރުފިޔާ ދެއްކީ 19 އޮގަސްޓް 2026 ގައި ކަމަށްވެސް އެ ރިޕޯޓުގައިވެ އެވެ.