ބަލި ހާލަތު ހުރި ގޮތުން ބައްސާމް އަނެއްކާވެސް ގެއަށް ބަދަލުކޮށްފި

އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމިން އެވެނިއުގެ އެޕާޓްމަންޓެއް ގަތް މައްސަލައިގައި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވިކަން ސާބިތުވެ ޖަލަށް ލާފައި ހުރި އެ އެސޯސިއޭޝަނުގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަނެއްކާވެސް ގެއަށް ބަދަލުކޮށްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ’ހަފްތާ‘ އަށް ވިދާޅުވީ، ބައްސާމް ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ހާލަތު ހުރިގޮތުން މެޑިކަލް ބޯޑުގެ ލަފަޔާއެކު ކަމަށެވެ. ގޭ ބަންދަށް ބަދަލުކުރީ ވަގުތީގޮތުން ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް އެއީ ކިހާ ދުވަހެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ބައްސާމް ގެންދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު ބޭނުންކޮށްގެން، އަމީން އެވެނިއުއިން ޕެންޓްހައުސް އެޕާޓްމަންޓަކަށް ފައިސާ ދެއްކި މައްސަލައިގައި ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެގެންނެވެ. އެ މައްސަލައިގައި އޭނާ 44 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރަން ވެސް ކްރިމިނަލް ކޯޓުން އޮތީ ހުކުމްކޮށްފަ އެވެ.

ބައްސާމަށް އިއްވާފައިވަނީ އެފްއޭއެމްގެ ފައިސާއަށް ޚިޔާނަތްތެރިވެގެން އިއްވާފައިވާ 4 އަހަރުގެ ހުކުމަކާއި މަނީ ލޯންޑްރިންގެ މައްސަލައިގައި އިއްވާފައިވާ 5 އަހަރުގެ ހުކުމަކާއި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްވި މައްސަލާގައި އިއްވި 23 އަހަރުގެ ޖަލު ހުކުމެކެވެ.

އެ މައްސަލައިގައި އޭނާ ޖަލުގައި ހުއްޓައި މިދިޔަ މާރިޗު މަހުގެ ތެރޭގައިވެސް އޭނާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. އެ ފަހަރު އޭނާ ގެއަށް ބަދަލުކުރީ ސާޖަރީއަކަށްފަހު ޑޮކްޓަރުގެ މެޑިކަލް ލަފާގެ މަތިންނެވެ. ނަމަވެސް އެ ފަހަރު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން ގެއަށް ބަދަލުކުރިތާ 24 ގަޑިއިރު ނުވަނީސް އޭނާ އަނބުރާ ޖަލަށް ބަދަލުކުރި އެވެ.