އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ހަގު ދަރި, ބެރޮން ޓްރަމްޕް މަރާލައި މީހަކަށް އީރާނުން 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅައިފި އެވެ.
އީރާނުގެ ދައުލަތުގެ ޓީވީން އިއްޔެ ދެއްކި ތިން މިނެޓުގެ ވީޑިއޯގައި ފެންނަނީ އުމުރުން 20 އަހަރުގެ ބެރޮން މަރާލަން ރާވާފައިވާ ރޭވުމަކާ ގުޅޭ ގޮތުން ވާހަކަދައްކައިފަ އެވެ. އަދި އޭނާއަށް ފާރަލަމުންދާ ކަމަށް ބުނެ, ބެރޮން ވަގުތު ހޭދަކުރާ ކަމަށް އާންމުކޮށް އެނގޭ ތަންތަން ވަނީ ދައްކައިފަ އެވެ. އޭގެ ތެރޭގައި ނިއު ޔޯކްގައި ހުންނަ ޓްރަމްޕް ޓަވަރު ވެސް ހިމެނެ އެވެ.
އެ ވީޑިއޯގައި ވަނީ އޭނާ މަރާލައި ފަރާތަކަށް 10 މިލިއަން ޑޮލަރުގެ އިނާމެއް ހުށަހަޅާފައިވާކަން އިއުލާންކޮށްފަ އެވެ.
އެ ވީޑިއޯއާ ގުޅިގެން އެމެރިކާގެ ސީކްރެޓް ސާވިސްގެ ތަރުޖަމާން ނޭޓް ހެރިންގް ވަނީ އެ ވީޑިއޯގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ އޭޖެންސީން ހިމޭޔަތްދޭ ފަރާތްތަކަށް ނުރައްކަލެއް ކަމަށް ބެލެވިދާނެ ކޮންމެ ކަމެއް ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.
”އޮޕަރޭޝަނަލް ސެކިއުރިޓީއަށްޓަކައި، ރައްކާތެރިކަމާ ގުޅޭ އިންޓެލިޖެންސްގެ ކަންކަމާ ބެހޭ ގޮތަކުން އަޅުގަނޑުމެން ވާހަކައެއް ނުދައްކަން،“ ނޭޓް ހެރިންގް އީމެއިލް މެދުވެރިކޮށް ރޮއިޓާސްއަށް ބުނެފައިވެ އެވެ.
ޓްރަމްޕްގެ ހަގު ދަރި މަރާލާ ފަރާތްތަކަށް އީރާނުން ބޮޑު އިނާމެއް ހުށަހެޅި އިރު, އިޒްރޭލުގެ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވަނީ އޭނާގެ ދަރިއަކު މަރާލަންވެސް އީރާނުން މަސައްކަތް ކުރި ކަމަށް ބުނެފަ އެވެ. ނަމަވެސް އީރާނުން މަރާލަން އުޅުނީ އޭނާގެ ދެ ދަރިންގެ ތެރެއިން ކޮން ދަރިއެއް ކަމެއް އަދި އެކަން ކުރަން އުޅުނީ ކޮންއިރަކު ކަމެއް ނުބުނެ އެވެ.


