އިގުތިސާދު ކުރިއަރުވައި, ފުޅާކުރަން މިއަށްވުރެ ބޮޑަށް މަސައްކަތް ކުރި ސަރުކާރެއް ނެތް: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ރާއްޖޭގެ އިގުތިސާދު ކުރިއަރުވައި ފުޅާކުރުމަށް މިއަށްވުރެ ބޮޑަށް މަސައްކަތްކުރި ސަރުކާރެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ޓީވީގެ ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, މި ސަރުކާރުން އަޅާ ފިޔަވަޅުތަކާއި ހަދާ ގާނޫނުތަކާއި ގާނޫނުތަކަށް ގެންނަން ހުށަހަޅާ އިސްލާހުތަކަކީ އެތައް ދުވަހެއްގެ މަޝްވަރާއާއި ޓެކްނިކަލް އިވެލުއޭޝަންތަކާއި ދިރާސާތަކާއި އަދި ބޭރު ގައުމުތަކުގައި އެ ކަންކަން ކޮށްފަ އޮތް ގޮތަށް ބަލައިގެން ނިންމާ ނިންމުންތަކެއް ކަމަށެވެ.

އަދި އެކަހަލަ ޓެކްނިކަލް މަސައްކަތް ކުރުމަށް މި ސަރުކާރުގައި ތިބީ ތައުލީމީ ގޮތުންނާއި ފަންނީ ގޮތުންނާއި ތަޖުރިބާ ގޮތުންވެސް މޮޅު ބޭފުޅުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

”ބޭރު ފައިސާގެ މައްސަލައިގައިވެސް ގެންނަ އިސްލާހުތައް ގެނައުމަށްވެސް މިގޮތަށް ބަލައިފައި މިވަނީ. ހަމަ ޔަގީނުންވެސް އަޅުގަނޑުމެންނަށްވުރެ ބޮޑަށް ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށްޓަކައި ސިޔާސަތުތަކެއް ގެނެސް ތަންފީޒު ކުރި ސަރުކާރެއް ހިއެއް ނުވޭ އޮތްހެނެއް. މި ގެންދަނީ ވަރަށް ގިނަ ކަންކަން އިގުތިސާދު ކުރިއެރުވުމަށްޓަކައި, ފުޅާކުރުމަށްޓަކައި ތަރައްގީކުރުމަށްޓަކައި ކުރަމުން,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, މި ސަރުކާރަށް މިވީ ދެ އަހަރާއި ބައި ނުވަތަ ތިން އަހަރުގެ ތެރޭގައި އެތައް ކަމެއް ހާސިލުކޮށްދެވި, ތަންފީޒުކުރަން ފެށިފައިވާއިރު އިތުރު ކަންތައްތައް ތަންފީޒުކުރުމަށްޓަކައިވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ސިޔާސީ ގޮތުން އެކި ބޭފުޅުން އެކި ވާހަކަ ދެއްކިޔަސް އިގުތިސާދު ރަނގަޅުކުރުމަށް, ހާއްސަކޮށް ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އަޅަންޖެހޭ ރަނގަޅު ފިޔަވަޅުތަކެއްކަން ރައްޔިތުން ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.