ރާއްޖެއަށް ވޭޕް އެތެރެކޮށް, އޭގެ ވިޔަފާރިކޮށް އަދި މަނީލޯންޑަރިންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖާއި ފައިސާތަކެއް އަތުލައިގެންފި އެވެ.
ފުލުހުން މިއަދު ބުނީ, އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އެ އޮޕަރޭޝަންގައި މަގުމަތިން ދިވެހި ދެ ފިރިހެނުން ހުއްޓުވައި ސުވާލުކޮށް, އެ މީހުން ދުއްވި ސައިކަލާއި, އެ މީހުންނާ ގުޅުންހުރި ކަމަށް ބެލެވޭ, އަމާން އުދަރެސް އެޕާޓްމަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ބަލައިފާސްކުރުމުގެ ތެރެއިން 156 ވޭޕް ކާޓްރިޖްއާއި ނެނޯ ސްޓިކުގެ އިތުރުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 6,000 އަށްވުރެ ގިނަ ރުފިޔާ ފެނިފައިވާ ކަމަށްވެސް ބުންޏެވެ.


