ހޮރްމޫޒު ކަނޑުއޮޅި ހުޅުވުމުގެ ޕްލޭނަށް ޓްރަމްޕް ދެކޮޅު, އީރާނުން ބުނީ ފަހަތަށް ނުޖެހޭނެ ކަމަށް

ޑޮނަލްޑް ޓްރަމްޕް ---

ހޮރްމޫޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އީރާނުން ހުށަހެޅި ހަތް ދުވަހުގެ ޕްލޭނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކޮޅުހަދައިފި އެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަމުން ޓްރަމްޕް އިއްޔެ ބުނީ, ކަނޑުދަތުރުފަތުރުގެ އެ މުހިންމު މަގު ވަގުތުން ހުޅުވާލުމަށް އެއްބަސްވުމެއް ހަދަން އީރާނުން ބޭނުންވަނީ އެ ގައުމު ވަރަށް ބޮޑަށް ބަލިވަމުންދާތީ ކަމަށެވެ.

”އީރާނުން ބޭނުންވަނީ އެއްބަސްވުމެއް ހަދަން، އަހަރެން ދެކޭގޮތުގައި އެއީ ރަނގަޅު ކަމެއް. އަހަރެންވެސް ބޭނުން އެއްބަސްވުމެއް ހަދަން, ނަމަވެސް، އީރާނުން ހުށަހެޅި ހުށަހެޅުމަކީ ބަލައިގަނެވޭނެ އެއްޗެއް ނޫން,“ ޓްރަމްޕް ބުންޏެވެ.

އީރާނުން ހުށަހެޅި ޕްލޭނުގައި ހުށަހަޅާފައިވަނީ ހިފަހައްޓާފައިވާ އީރާނުގެ ފައިސާތައް ދޫކޮށްލުމަށާއި ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން އަޅާފައިވާ ހުރަސްތައް ނިމުމަކަށް ގެނައުމަށެވެ.

އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރައްޗީ ވިދާޅުވި ގޮތުގައި އެ ހުށަހެޅުމާއެކު ހަތަރު ދުވަސް ނުވަތަ ފަސް ދުވަހުގެ ތެރޭގައި އެ ފިޔަވަޅުތައް ފުރިހަމަކުރެވިދާނެ އެވެ. އޭގެ ސަބަބުން ކަނޑުއޮޅި އަލުން ހުޅުވައިލުމަށާއި ހަތްވަނަ ދުވަހާ ހަމައަށްދާއިރު ދާއިމީ އެއްބަސްވުމަކާ ގުޅޭ ގޮތުން މަޝްވަރާތައް ފެށުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް އީރާނުގެ މި ހުށަހެޅުންތަކަށް ޓްރަމްޕް ދެކޮޅު ހެދުމުން އަރައްޗީ ވަނީ އީރާނުން ކަނޑައަޅާފައިވާ ޝަރުތުތަކަށް އެ ގައުމުން ދޫނުދޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ އީރާނުން އިންތިޒާރު ކުރަމުންދަނީ މެދުވެރިންގެ ފަރާތުން ފަހުގެ ނިންމުންތައް ލިބެންދެން ކަމަށާއި އަދި ގޮތެއް ނިންމާނީ އޭގެ މައްޗަށް ބިނާކޮށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ އެމެރިކާއަށް މި ދަތި އުނދަގޫ ހާލަތުން އަރައިގަނެވޭނީ ހަމައެކަނި މަޝްވަރާކޮށްގެން ހޯދާ ހައްލަކުން ކަމަށެވެ.