އިސްލާމްދީނަކީ އިންސާނާގެ ކާމިޔާބީއަށް ބޭނުންވާ އެންމެހައި އިރުޝާދުތަކެއް ފުރިހަމަވެގެންވާ ދީން ކަމަށާއި، މަތިވެރި އަޚުލާޤާއި ހެޔޮ ޢަމަލުތަކުން އިންސާނާ ދުރުކުރާނޭ އެއްވެސް ކަމެއް މި ދީނުގައި ނުވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެ އެވެ.
”އިސްލާމްދީނުގެ މަތިވެރި ނިޢުމަތް“ މި މަޢުޟޫޢަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، އިސްލާމްދީނަކީ ޤިޔާމަތާ ހަމައަށް އިންސާނިއްޔަތުގެ ބާއްޖަވެރިކަމަށް އޮތް ހަމައެކަނި މަގެވެ. އަދި މިއީ ހުރިހާ ހެޔޮ ކަމަކަށް ގޮވައިލާ، އެންމެހައި މުންކަރާތްތަކެއް ނަހީކުރާ މަތިވެރި ދީން ކަމަށްވެސް ފާހަގަކުރިއެވެ.
ނަމަވެސް ބައެއް މީހުން ދީނީ ކަންކަމަށް ފަރުވާކުޑަކޮށް، މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކާއި މިންތަކުން ބޭރުވެ، ދީނީ ވާޖިބުތަކަށް އިހުމާލުވަމުންދާކަން ޚުޠުބާގައި ފާހަގަކުރިއެވެ. ހަމައެއާއެކު، ދީނުގެ މަތިވެރި އުޞޫލުތަކާއި އާދަކާދަތަކާ ބީރައްޓެހި ސަގާފަތްތަކާއި ނުބައި އަޚުލާޤީ މިންގަނޑުތަކަށް ތަބާވަމުންދާކަމީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ބުންޏެވެ. ޙަޤީޤީ މުސްލިމަކީ ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް ނުވަތަ އަނިޔާއެއް ލިބުނަސް، އިސްލާމްދީން ނޫން އެހެން ދީނެއް އެދޭނޭ މީހެއް ނޫން ކަމަށާއި، ކޮންމެ ފަދަ ފިތުނައެއްގެ ކުރިމަތީގައި ވެސް ހުންނާނީ ދީނާއި ޢަޤީދާގައި ސާބިތުވެ ކަމަށް ޚުޠުބާގައި ހަނދާންކޮށްދިނެވެ.
މާތް ﷲ އަޅުގަނޑުމެންނަށް މަތިވެރިކަމާއި ޝަރަފު ދެއްވައި ޢިއްޒަތްތެރިކުރެއްވީ މި ދީނުގެ ސަބަބުން ކަމަށާއި، މި ދީނަކީ އަޅުގަނޑުމެންގެ ޢިއްޒަތުގެ ސިއްރު ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އެހެން ހުރިހާ އުންމަތްތަކުގެ މައްޗަށް ލިބިފައިވާ މަތިވެރިކަމާއި ސިޔާދަތުގެ އަސްލަކީ އިސްލާމްދީން ކަމަށާއި، އިސްލާމީ ތާރީޚަކީ މި ކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ބަޔާންކުރިއެވެ. މުސްލިމުން ދީނުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބި ކޮންމެ ހިނދެއްގައި އެބައިމީހުންގެ ދަރަޖަ މަތިވެރިވި ކަމަށާއި، އެކަމުގައި އިހުމާލުވެ ދީނާ ދުރުހެލިވި ހިނދު ނިކަމެތިވެ ދުޝްމަނުންގެ ބާރު ފޯރި ކަމަށްވެސް ޚުޠުބާގައި ހާމަކުރިއެވެ.
މިކަންކަމަށް ރިޢާޔަތްކޮށް ޚުޠުބާގައި ވަނީ، އިސްލާމްދީނުގެ މަތިވެރި ނިޢުމަތަށްޓަކައި ﷲ ތަޢާލާއަށް ޙަމްދުކޮށް، ބަހާއި ޢަމަލުން ދީނުގެ ރީތި ސިފަތައް ދެއްކުމަށް ނަސޭހަތްތެރިވެފައެވެ. އަދި ގޭތެރޭގައްޔާއި، ބާޒާރުތަކުގައްޔާއި، މަޖިލިސްތަކުގައި ވެސް އިސްލާމީ އުޞޫލުތަކާ އެއްގޮތަށް ދިރިއުޅުން ބައްޓަންކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ ގޮވާލައިފައެވެ.


