އުއްތަމަ ފަނޑިޔާރުގެ މުސާރަ ވެސް ބޮޑުކުރަން ކޮމިޓީން ފާސްކޮށްފި

އުއްތަމަ ފަނޑިޔާރުގެ މުސާރަވެސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި, ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތައް މުރާޖައާކުރުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހެވެ.

މަމްދޫހު ވިދާޅުވީ, އެ ހުށަހެޅުން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތްތަކާ އެއްވަރުގެ މުސާރައެއް އުއްތަމަ ފަނޑިޔާރަށް ލިބޭނެ މަގުފަހިކުރުން ކަމަށެވެ.

އެގޮތުން އޭނާ ހުށަހެޅުއްވީ އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވެންސެއްގެ ގޮތުގައި 4,125 ރުފިޔާ ކަނޑައެޅުމަށެވެ. އޭރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްއެކޭ އެއްގޮތަށް އުއްތަމަ ފަނޑިޔާރަށްވެސް މުސާރައާއި އިނާޔަތުގެ ގޮތުގައި 95,125 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.

އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އަބްދުالله ޝަރީފެވެ. ކޮމިޓީން އެ ހުށަހެޅުން ފާސްކުރީ, އެ ވަގުތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެމްބަރުންގެ އިއްތިފާގުންނެވެ.

އުއްތަމަ ފަނޑިޔާރަށް ލިބިވަޑައިގަންނަވާ މުސާރައާއި އިނާޔަތްތައް ބޮޑުކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރި އިރު, އުއްތަމަ ފަނޑިޔާރުގެ އެންމެ ފަހުން ބޮޑުކުރީ ޝަރުއީ ދާއިރާގެ މުސާރަ ބޮޑުކުރި އިރު, 2024 ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ފަހަރު އުއްތަމަ ފަނޑިޔާރުގެ މުސާރަ ބޮޑުކުރީ 74,000 ރުފިޔާ އިން 91,000 ރުފިޔާއަށެވެ.