”ބަނގުރާ ނުވިއްކައިފި ނަމަ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެ ބޮސް ބިރު ދެއްކި“

ބަނގުރާ ނުވިއްކައިފިނަމަ އަނބުރާ ގައުމަށް ފޮނުވާލާނެކަމުގެ އިންޒާރު ދިން ކަމަށް މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ސަޕްލައިކުރަމުންދިޔަ ނެޓްވޯކުން ހައްޔަރުކުރި ބިދޭސީއަކު ބުނެފި އެވެ.

މާލެ ތެރެއަށް ބަނގުރާ ފޯރުކޮށްދޭ ނެޓްވޯކެއް ހިންގާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 11 އޮކްޓޫބަރު 2026ގެ ރޭގެ ވަގުތެއްގައި ހ. މާދޫގެއަށް ވަދެ, އެ ގޭގެ ފުރަތަމަ ބުރިއާއި ފަސްވަނަ ބުރި ބަލައި ފާސްކުރި އެވެ. އެ ފާސްކުރުމުގެ ތެރެއިން އެއްވަނަ ބުރިން 320 ބަނގުރާ ފުޅިއާއި ފަސްވަނަ ބުރިން 504 ބަނގުރާ ފުޅި ފުލުހުން ހޯދި އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތު ކުރެވޭ ހ. ކަރޯގެ, މުހައްމަދު ރަޝްވާން އައްބާސް (53އ) އާއި ބަންގްލަދޭޝްގެ ތިން ބިދޭސީއަކު ހައްޔަރުކުރި އެވެ. އެއީ އަލް އަމީން އާއި ޕޮލިން އަދި އެމްޑީ ރަކިބް ހޮސެން އެވެ.

ހައްޔަރުކުރި ބިދޭސީންގެ ތެރެއިން ޕޮލިންގެ ބަންދުގެ މުއްދަތު އިތުރުކުރުމުން އިއްޔެ ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ބައެއް ވާހަކަ ކިޔައިދީފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން, މާދޫގޭގެ ހަވަނަ ބުރިން ޕޮލިން ހުއްޓުވައި, މައުލޫމާތު ސާފުކުރުމުން އެގޭގެ އެއްވަނަ ބުރި އަދި ފަސްވަނަ ބުރީގައި ގިނަ އަދަދެއްގެ ބަނގުރާފުޅި ހުންނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އޭނާގެ އަތުން އެ ގޭގެ ފަސްވަނަ ބުރީގެ ތަޅުދަނޑި ފެނިފައިވާ ކަމަށް ބުނެފައިވެ އެވެ.

އަމުރުގައި ބުނެފައިވާ ގޮތުން, މާދޫ ގޭގެ އެއްވަނަ ބުރިއަށް ވަނުމުގެ ހުއްދަ އޮންނަނީ ޕޮލިން އާއި އެ މައްސަލައިގައި ހައްޔަރުކުރި އޭނާގެ ބޮސް ކަމަށްވާ ރަޝްވާން އަތުގައި އެކަނި ކަމަށާއި އެތަނުގައި ބަނގުރާ ހުރިކަން އޭނާއަށް އެނގޭ ކަމަށް ބުނެފައިވެ އެވެ.

އަދި އެތަނުގައި ހުންނަ ބަނގުރާ ވިއްކަނީ އޭނާ ކަމަށާއި އަދި ބަނގުރާ ވިއްކަނީ އޭނާގެ ބޮސް ބުނެގެން ކަމަށާއި ބަނގުރާ ނުވިއްކައިފިނަމަ ގައުމަށް ފޮނުވާލާނެ ކަމަށް ބުނެ އިންޒާރު ދީފައިވާ ކަމަށްވެސް ޕޮލިން ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.

ބަންދު މަޖިލީހުގައި އައިއޯ ވަނީ ޕޮލިންއަށް ކުރެވެނީ ގާނޫނާއި ހިލާފު އަމަލެއްކަން އެނގިހުރެ އަންގަންޖެހޭ މުއައްސަސާތަކަށް އޭނާ އަންގާފައިނުވާ ކަމަށެވެ.

އެހެންވެ ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 30 ދުވަހަށް އިތުރުކޮށްފަ އެވެ.