ދަނގެތީގައި ތަރައްގީކުރި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނުން ހިދުމަތް ދޭން ފަށައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އދ. ދަނގެތީގައި ތަރައްގީކުރި ފިއުލް ސްޓޭޝަނުން ރަސްމީކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ދަނގެތީގައި ތަރައްގީކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް އިފުތިތާހު ކޮށްދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު އަބްދުﷲ ރަޝީދެވެ.

އެ ރަސްމިއްޔާތުގައި އެ ރަށުގެ ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

އެފްއެސްއެމް އިން ބުނީ, ދަނގަތީގައި ފެށި މި ހިދުމަތާއެކު މާލެއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގުގައި ދަނގެތިންވެސް ތެޔޮ ލިބޭނެ ކަމަށެވެ. އަދި މި ސްޓޭޝަންގެ ސަބަބުން ދަނގެތީގެ އިތުރުން އެ ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް އަގުހެޔޮކޮށް އަދި ފަސޭހަ ކަމާއެކު ތެޔޮ ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.