ޝަރުއީ ދާއިރާ މިނިވަން ނޫނޭ ކިޔާފައި، މަރުގެ އަދަބު ދިނުމުގައި ފަހަތަކަށް ނުޖެހޭނަން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ---

ޝަރުއީ ދާއިރާ މިނިވަން ނޫން ވާހަކައާއި އެކަމަށް އެތެރެއާއި ބޭރުން ނުފޫޒު އޮތް ނަމަވެސް މަރުގެ އަދަބު ތަންފީޒުކުރުމުގައި އެ މަނިކުފާނު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޝަރުއީ ނިޒާމު ހަރުދަނާ ކުރުމަށް މި ސަރުކާރުން މިހާތަނަށް ކުރި ވަރަށްވުރެ ގިނައިން މަސައްކަތްކުރި އެއްވެސް ސަރުކާރެއް ނެތް ކަމަށާއި އެކަމުގައި އަމަލާއި ބަސް ދިމާވާނެ ކަމަށެވެ. އެގޮތުން އެ މަނިކުފާނު ހުވާކުރެއްވި ދުވަހު އެ ދުވަހުން އެދުވަހަށް ޝަރުއީ ނިޒާމު މިނިވަންވެފައިވާކަން އިއުލާން ކުރައްވާފައިވާނެ ކަމަށާއި އެކަން ރާއްޖޭގެ ސިޔާސީ މީހުންނަށާއި ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

”ކޯޓުގެ އެއްވެސް ކޭސްއެއް ހިނގަނީކީއެއް, ނުހިނގަނީކީއެއް, ލަސްވަނީ ނުވަތަ އަވަސްވަނީކީއެއް ރައީސް އޮފީހުން ކޯލެއް ގޮސްގެނެއް ނޫން ކުރީގައި ހިނގާހެންނެއް. އަޅުގަނޑަށްވެސް ބައެއް ކަންކަން ފެންނަނީ ނޫހުން. އެކަމަށް ބައެއް މީހުން މަލާމަތްކުރި ނަމަވެސް އެއީ ހަގީގަތް,“ ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ, ޝަރުއީ ނިޒާމު މިނިވަން ނޫން ކަމަށް ބުނާ ވާހަކައަކީ މަރުގެ އަދަބު ތަންފީޒު ނުކުރުމަށް ނުވަތަ ފަސްކުރުމަށް މިދިޔަ ހުރިހާ ސަރުކާރަކުންވެސް ދެއްކި ބަހަނާ ކަމަށެވެ.

ނަމަވެސް އިސްލާމް ދީނުގައި މަރަށް މަރު ހިފުމަކީ ފަރުޟެއް ކަމަށާއި ރާއްޖެ ފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މަރުގެ ހުކުމް ތަންފީޒުކުރަންޖެހޭ ހިސާބަށް ގޮސްފައި އޮވެއްޖެ ނަމަ, ތަންފީޒު ކުރުމުގައި ސަރުކާރުން ކޮށްދޭންޖެހޭ ކަމެއް އޮތިއްޔާ ކޮށްދޭންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

”…(ޝަރުއީ ދާއިރާ) މިނިވަން ނުވެޔޭ ކިޔާފައި, ބޭރުގެވެސް އެތެރޭގެވެސް ނުފޫޒުތަކާ ހެދި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި, މީގެ ކުރީގެ ސަރުކާރުތަކުން މިކަމުގައި ފަހަތަށް ޖެހުނު ޖެހުން އެއީ އަޅުގަނޑު ފަހަތަށް ޖެހޭނެ ސަބަބެއް ނޫން. އަޅުގަނޑުގެ މައްޗަށް ލާޒިމުކަމެއް މިއީ,“ ރައީސް ވިދާޅުވި އެވެ.