ރާއްޖޭގައި ދައްކާލި އިންސާނުން އުފުލާ އިލެޓްރިކް ޑްރޯން ނުވަތަ އީވީޓޯލް މަތިންދާބޯޓުން އިއްޔެ މާލެއިން ވިލިމާލެއަށް ކުރި ދަތުރަށް ނެގީ ދޮޅު މިނެޓު ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވެއްޖެ އެވެ.
ސަފީރު ވިދާޅުވީ, ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމަށް ތައާރަފުކުރި މި ގޮތަކީ ކުރިމަގުގައި ފެނިގެންދާނެ ކަންކަމުގެ އުފާވެރި މަންޒަރެއް ކަމަށެވެ. މުޅި ރާއްޖެއަށް މިފަދަ އިތުރު ފުރުސަތުތައް ފަހިވެ, ކުރިއަރައިގެން ދާނެ ދުވަހަކަށް އިންތިޒު ކުރަމެވެ.
ޗައިނާގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ކޫލްފްލައިގެ އެއް ސީޓުގެ ”ޑްރީމް އެސްޓީ“ މޮޑެލްގެ އީވީޓޯލް އުޅަނދު ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު ހުޅުމާލެ ފޭސް 1 ގެ ޗެނަލް ސަރަހައްދުގައެވެ.
އީވީޓޯލް (އިލެކްޓްރިކް ވާޓިކަލް ޓޭކްއޮފް އެންޑް ލޭންޑިން) އަކީ ކަރަންޓުން ބާރުދީގެން، ހެލިކޮޕްޓަރެއް ފަދައިން ސީދާ މައްޗަށް އެރޭ އަދި ތިރިކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އުޅަނދެކެވެ. މިއީ ތިމާވެއްޓާވެސް ރައްޓެހި އަދި އަޑުމަޑު ޓެކްނޮލޮޖީއެއް ބޭނުންކުރާ އުޅަނދެކެވެ.


