ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރާ ގޮތަށް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމުގެ ހާއްސަ ބިލު, ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދައުރުގެ ތެރޭގައި ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރުގެ މާޗު މަހުގެ ތެރޭގައި ވިދާޅުވެފަ އެވެ.
ސަރުކާރުގެ ފަރާތުން, ގުރައިދޫ ދާއިރާގެ މެމްބަރު ހަނާން މުހައްމަދު ރަޝީދު ހުށަހަޅުއްވާ އެ ބިލުގައި ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށްޓަކައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި އަދަބު ކަނޑައެޅުމުގައި ކޯޓުތަކުން އަމަލުކުރަންޖެހޭ އުސޫލުތަކާއި މަރުގެ އަދަބެއް ތަންފީޒުކުރުމުގެ ގޮތުން ދައުލަތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމުތަކާއި މަރުގެ އަދަބު ކަނޑައެޅުނު މީހާއަށް ލިބިގެންވާ ހައްގުތަކާއި އަދަބު ތަންފީޒުކުރުން މަނާކުރާ ހާލަތްތަކާއި ސަބަބުތައް އަދި އެ ނޫންވެސް މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި އިޖުރާއަތު ބަޔާންކޮށްފައިވެ އެވެ.
ބިލުގައިވާ ގޮތުން ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ދަށު ކޯޓަކުން ހުކުމް ކޮށްފިނަމަ, އެ ހުކުމްގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ.
އަދި ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ ބޭނުމަށް, މަރާލެވުނު މީހާގެ ހުރިހާ ވާރިސުން ކުށްވެރިޔާގެ ކިބައިން ގިސާސް ހިފުމަށް ބޭނުންވާކަމުގައި, އެ މައްސަލައިގެ ޝަރީއަތުގައި ބަޔާންކޮށްފައި އޮންނަންވާނެ ކަމަށާއި ކޯޓުން ކުށްވެރިޔާގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާ ހަމައަށް އެގޮތުގައި ދެމި އޮންނަންވާނެ ކަމަށްވެސް ބުނެފައިވެ އެވެ.
ބިލުގައި މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބުތައްވެސް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ކުށްވެރިޔާ ބަލިވެއިނދެއްޖެނަމަ, އޭނާ ވިހައި, ގަދަވެ, އޭނާގެ ދަރިފުޅުގެ އުމުރުން 2 އަހަރު ފުރެންދެން
- ކުށްވެރިޔާއަކީ އަންހެނެއް ކަމުގައިވެފައި, އޭނާގެ ތުއްތު ދަރިފުޅުގެ އުމުރުން 2 އަހަރު ފުރެންދެން
- އަދަބު މުރާޖައާކުރުމަށް, ކުށްވެރިޔާގެ ފަރާތުން ހުށަހަޅާފައިވާނަމަ މުރާޖައާގެ މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން
- މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާނަމަ, އެ މައްސަލައަކާމެދު އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން
- ކުށްވެރިޔާގެ ސިއްހީ ހާލަތު އެކަށީގެންވާ މިންވަރަށްވުރެ ދަށްވެފައިވާނަމަ, އެ ހާލަތު ބަދަލުވެ, ސިއްހަތު ރަނގަޅުވަންދެން
- ކުށްވެރިޔާގެ ނަފުސާނީ ހާލަތު އާދަޔާ ހިލާފަށް ދަށްވެފައިވާނަމަ, އެ ހާލަތު ބަދަލުވެ, ނަފުސާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ރުޖޫއަވަންދެން
ބިލުގައިވާ ގޮތުން މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު އާންމުކޮށް ފެންނާނެފަދަ ތަނެއްގައި އަދަބު ތަންފީޒުކުރުމަކީ އެ ގާނޫނު ހުއްދަކުރާ ކެއް ނޫން ކަމަށެވެ.


