ސޯޝަލް މީޑިއާ މެދުވެރިކޮ އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެ ނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާތީ، އެ ބަޔަކު ދެނެގަތުމަށް ފުލުހުންގެ ހުރިހާ ވަސީލަތަކާއި ގާބިލުކަމެއް ބޭނުން ކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ސަރުކާރުން އެގޮތަށް ބުނެފައިމިވަނީ ރާއްޖެ ޓީވީ އަދި ޗެނަލް 13 ގައި ހުޅުޖަހާނެ ކަމަށް ބުނެ ފޭކު އެކައުންޓަކުން އިންޒާރު ދީފައިވާ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ.
ރައީސް އޮފީހުން މިރޭ ބުނީ މީޑިއާތަކަށް އިންޒާރު ދިން މައްސަލަ އެންމެ ހަރުކަށި އިބާރާތުން މި ޢަމަލު ކުށްވެރިކުރާ ކަމަށާއި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެ ކަމަށެވެ.
”ފޮރުވިގެންތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަހުގީގު ދިވެހި ފުލުހުންގެ އިދާރާއިން މިހާރު ވަނީ ފަށައިފައެވެ. އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެއެވެ.“ ފުލުހުން ބުންޏެވެ.
މީޑިއާތަކަށާއި ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބިފައިވާނަމަ ގައުމީ މަސްލަހަތު އިސްކުރުމުގެ ޒިންމާ ކޮންމެ ދިވެހި ރައްޔިތަކުވެސް އަދާކުރުމުގެ، އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ރައީސް އޮފީހުން ބުނީ ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ހަބަރާ މަޢުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތެއް ކަމަށެވެ. އަދި ބުނީ ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ގައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި މުޖްތަމައުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުން ވެސް ވަފާތެރިކަމާ އިހުލާސްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރާނެ ކަމަށެވެ.




ގުޅުންހުރި
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް: ފަސޭހަކަމާއެކު އިންޑިއާ ވެސް ބަލިކޮށް، ރާއްޖެއިން އެއްވަނައިގައި
އަލިރަސްގެފާނު ފަދަ އަޒުމު ވަރުގަދަ ދަރީން، ކޮންމެ ދިވެހި ޖީލެއްގެ ކަރާމާތް
ވީއައިއޭގައި މާރާމާރީ ހިންގި މައްސަލައިގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފި
މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް ރަޖިސްޓްރީކުރަން އަންގައިފި
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ކައުންސިލު އިންތިހާބުގައި ޖޭޕީން ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރަން ނިންމައިފި