އޮކްޓޯބަރ 14, 2024

ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދޭން މިހާރު މަސައްކަތް ފަށަންޖެހޭ: ފައިސަލް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަމުގެ ދެވަނަ ދައުރެއް ކާމިޔާބު ކޮށްދެއްވުމަށް މިހާރުން ފެށިގެން މަސައްކަތް ކުރަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެދިވަޑައިގެންފި އެވެ.

ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ ރައީސް މުއިއްޒަށް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ޔާމީނަށްވުރެ ސިޔާސީ ގޮތުން މޮޅުވުމުގެ ސަބަބުން ކަމަށެވެ. އަދި އޭނާއަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމު ލިބިވަޑައިގަތުމުން ބަޔަކު ކަންބޮޑުވެގެން އުޅޭއިރު މީގެ ކުރީގެ ޓޫރިޒަމް މިނިސްޓަރުންނަށް މާމޮޅު ކަމެއް ކުރެވިފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.

”އަޅުގަނޑު، ހާއްސަކޮށް ރާއްޖޭގެ ޓޫރިޒަމް ސެކްޓަރާ ހަވާލުވެ ހުރި މީހެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ޒުވާނުންނަށް އިލްތިމާސްކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީއާ ގުޅިވަޑައިގެން އެ މަނިކުފާނަށް ދެވަނަ ދައުރެއް ހޯދުމުގެ މަސައްކަތް މިހާރުން ފެށިގެން ފެއްޓެވުމަށް،“ ފައިސަލް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު ދަންނަނީ ހަމައެކަނި ޔާމީން ނޫން ކަމަށާއި ރައީސް މުއިއްޒަށްވެސް އިގުތިސޯދު އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ފޮޓޯފުޅު ދައްކައިގެން ކަމަށާއި ނަމަވެސް ވެރިކަމަށްވަޑައިގަތުމަށްފަހު މައުމޫން ޖަލަށް ލީ ކަމަށް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ހުރިހާ ސިޔާސީ ލިޑަރުން ހައްޔަރުކޮށްގެން ރާއްޖޭގައި ބިރުވެރި މާހައުލެއް އުފައްދައިގެން 2018 އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޔާމީން ކުރެއްވި މަސައްކަތް ނާކާމިޔާބުވި އިރު، ރައްޔިތުން ނުކުމެ ޔާމީން ސިޔާސީ މައިދާނުން މިހާރު އެކަހެރިކޮށްފައިވާ ކަމަށެވެ.

”އެހެންވީމާ ދެން މިއަދު ނިކުމެ ހުސްގޮނޑިއޭ، ޗެއާޕާސަންއޭ، ރައީސް ޑރ. މުހައްމަދު މުއިއްޒޭ، ދެން ހަމަ މަލާމާތުގެ ރާގަށް ފިނި ކޮޓަރީގައި ޕްރެޒެންޓޭޝަން ހަދައިގެން އެތާ ތިބެ ސިހިރުހާހޫރުގެ ވާހަކަ ދެއްކީމާ އަޅުގަނޑަށް ހަނދާނަށް އަންނަނީ އާރަށަށް އެ މަނިކުފާނު ކަރުތަނާ ފެނަށް މޫދަށް ލައިގެން އެތާ ސިހުރުހާހޫރަ ހަދަން ދެ އަންހެނެއްގެ ވިސްނުމަށް އެ މަނިކުފާނު އެތާ އިންނެވި އިރު ކޮބައިތޯ، މިއަދު އަޅުގަނޑުމެން ކައިރީގައި ކޮން ވާހަކައެއްތޯ ދައްކަވާނީ“ ފައިސަލް ވިދާޅުވި އެވެ.