ރޯގާއަށް ބޭނުންކުރާ އެލެގްރާ ބޭހުގައި ކޮލިޓީ މައްސަލަތަކެއް، ބޭނުންކުރުން މަނާކޮށްފި

ރާއްޖެ އެތެރެކޮށް ބޭނުންކުރާ އެލެގްރާ (ފެކްސޯފެނަޑިން) ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ހުރެގެން އެ ބޭސް އެތެރެކުރުމާއި ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން ބޭނުން ކުރުން މަނާކުރީ އެލެގްރާ ސަސްޕެންޝަންގެ 5 އެމްއެލް ބޭހެވެ. މިއީ ރޯގާއަށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކު ބޭނުންކުރާ ބޭހެކެވެ.

އެމްއެފްޑީއޭ އިން ބުނީ، އެ ބޭހުގެ ތިން ބެޗަކުން ކޮލިޓީ މައްސަލަތަކެއް ދިމާވެފައިވާކަން އެލާޓް ކުރީ އެ ބޭސް އުފައްދާ ކުންފުނިން ކަމަށެވެ. އެ ބޭސް އުފައްދަނީ ސަނޯފީ އިންޑިއާ ލިމިޓެޑް ނަމަކަށް ކިޔާ އިންޑިއާގެ ކުންފުންޏަކުންނެވެ.

އެހެންވެ އެ ބޭހުގެ ބެޗުތައް ފާމަސީ، ބޭސް ގުދަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނެއްގައި ހުރި ނަމަ އެކަން އެ އޮޓޯރިޓީގެ އީމެއިލް މެދުވެރިކޮށް އެންގުމަށް އެމްއެފްޑީއޭ އިން ވަނީ އެދިފަ އެވެ.