”ބަހުލޫލެކޭ“ ލަވަ ކީ ޔަޝްފާ ފުލުހަށް ހާޒިރުވާން އަންގައިފި

އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވީ ”ގާނޫނުއަސާސީގެ ދިފާއުގައި ދިވެހިން“ ޖަލްސާގައި ”ތީ ބަހުލޫލެކޭ“ ލަވަ ކީ ދުވާފަރު ކައުންސިލް މެންބަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ވަނީ ޔަޝްފާއަށް ގުޅައި މިއަދުގެ ވަގުތެއްގައި ފުލުހަށް ހާޒިރުވާން ޗިޓު ހަވާލުކުރާނެ ކަމަށެވެ. އޭނާ ފުލުހަށް ހާޒިރުކުރާނީ އެމްޑީޕީގެ ޖަލްސާއެއްގައި ލަވައެއްކީ މައްސަލައިގައި ކަމަށެވެ.

ޔަޝްފާ ހުށަހެޅި ”ތިއީ ބަހުލޫލެކޭ، ތިއީ ޝައިތާނެކޭ، މަށާ ކައިރި ނުވާށޭ، މަށާ ކައިރި ނުވާށޭ“ ލަވަ ވަރަށް ބޮޑަށް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފަ އެވެ.

މިއީ މި ސަރުކާރު އައިފަހުން ސިޔާސީ ޕޯޑިއަމްއެއްގައި މީހަކު ދެއްކި ވާހަތަކަކާ ގުޅިގެން ފުލުހަށް ހާޒިރުކުރާ ފުރަތަމަ ފަހަރެވެ.