ސިނގިރޭޓު އެތެރެކޮށް ވިއްކާ ފަރާތްތަކުން އެ ވިޔަފާރި ހުއްޓާލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ރައްޔިތުންނާ ވީހާވެސް ގާތުން މުއާމަލާތްކޮށް، މައުލޫމާތު ހިއްސާކުރުމަށްޓަކައި ރައީސް ފެއްޓެވި ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ސިނގިރޭޓު އަގުބޮޑު ކުރީ ސިނގިރޭޓާ ދުރުކުރުމަށް ކަމަށެވެ. އެކަމުގެ ސަބަބުން އުދަނގޫވާނެކަންވެސް އެނގިވަޑައިގަންނަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
”ސިނގިރޭޓު ބުއިން ފަދަ ކަމަކުން ދުރުކުރާކަށް ފަހަރަކު ފަހަރަކު ތަންކޮޅެއް މަނާކޮށްގެން ނުވާނެ. އޭރުން ސިނގިރޭޓު އެތެރެކުރާ މީހުންނަށް އެ ލިބެނީ ފުރުސަތެއް އެ މީހުން އެތަންކޮޅު އެޖަސްޓުކޮށްގެން ވިއްކަމުންދާން. އަޅުގަނޑު އެދެން ސިނގިރޭޓު އެތެރެކޮށް ސިނގިރޭޓު ވިޔަފާރި ކުރާ މީހުން އެ ވިޔަފާރި ދޫކޮށްލަން. އެހެން ކަމަކައިގެން އުޅެން. މިއީ ކުރާވަރުގެ ކަމެއް ނޫނޭ. މިއީ ކުޑަކުޑަ ގައުމެއް. މިއީ މިލިއަނުން މިލިއަނުން މީހުން އުޅޭ ތަނެއް ނޫން. ކީއްކުރަން މިތަނުގައި އެކަން ކުރަންވީ،“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ގައުމުގެ ޅަދަރިން ސިނގިރޭޓުގެ ނުރަނގަޅު އާދައިގެ ތެރެއަށް ދިއުމަށް ދޫކޮށްލައިގެން ސަރުކާރުން އޮތުމުގެ ބޭނުމެއް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.
އެކަމުގައި ސަރުކާރުގެ ޒިންމާއެއްވެސް އެބަ އޮތް ކަމަށާއި ނޫން ނަމަ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ޒުވާނުން ސިނގިރޭޓުގެ ތެރެއަށް ގޮސް ސަލާމަތް ނުވާ ހިސާބަށް ގޮސްދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ޒުވާނުން ދުންފަތުން ސަލާމަތް ކުރުމަށް އެޅިދާނެ ފިޔަވަޅެއް ނިންމުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯދައިގެން، ދިރާސާއެއް ހަދައި، ޕޭޕަރެއް ތައްޔާރުކުރުމަށް ހެލްތް މިނިސްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ކެބިނެޓަށް ހުށަހަޅަން ދެތިން ވިސްނުންފުޅެއްވެސް އެބަ އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
”އެއްގޮތަކީ 1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިން އަދި އުފަންވާނެ ހުރިހާ ކުދިން، އެ ކުދިން އުމުރުގައި ކުރިއަށް އޮތްތަނުގައިވެސް ސިނގިރޭޓާއި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ގޮތް ހެދުން. ދެވަނަ ގޮތަކީ 1 ޖަނަވަރީ 2004 އިން ފެށިގެން އުފަންވީ ހުރިހާ ކުދިން އަދި އުފަންވާނެ ހުރިހާ ކުދިންނަށް ސިނގިރޭޓު މަނާކުރުން.. އެއަށްވުރެ އުމުރު މައްޗަށްދާ ނަމަ 1 ޖަނަވަރީ 2000 ފެށިގެން، އޭރުން 25 އަހަރު. ކޮންމެ ގޮތެއް ވިޔަސް އުމުރުން 18 އަހަރާއި 25 އަހަރާ ދެމެދުގެ ޒުވާނުން އެކަމުގެ ތެރެޭގައި އުޅޭތާ އެހާ ގިނަ ދުވަހެއް ނުވާނެ. އެހެންވީމަ އެ ކުދިން އެ ވަބާއިން ސަލާމަތް ކުރަން ފަސޭހަވާނެ، 30، 40 އަހަރު ވެފައިވާ މީހުންނަށް ސިނގިރޭޓު ބޭނުން ކުރުމަށްވުރެ،“ ރައީސް ވިދާޅުވި އެވެ

31 Comments
ގުޅުންހުރި
ރާއްޖެ ފަދަ ކުޑަ ގައުމެއްގައި ރައީސަކު ހުވާކުރަން ޖެހޭނީ ސާފު އަގުލަބިއްޔަތު
ސީއެސްސީއަށް މުޖުތާޒް އައްޔަންކުރައްވައިފި
ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް