5 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ގެނެސްފި

އަލުން ޗާޕުކޮށްގެން ގެނައި ފަސް ރުފިޔާގެ އާ ނޫޓުގައި ހިމެނޭ ބައިތައް ---

ފަސް ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އާ ސްޓޮކެއް މިއަދު ގެނެސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

އެމްއެމްއޭ އިން ބުނީ, މިއަދު ގެނައި ފަސް ރުފިޔާގެ އާ ސްޓޮކަކީ 2017 ވަނަ އަހަރު ފަސް ރުފިޔާގެ ނޫޓު ތައާރަފުކުރި ފަހުން އެ ނޫޓު އަލުން ޗާޕުކޮށްގެން ގެނައި ފުރަތަމަ ސްޓޮކް ކަމަށެވެ.

އެގޮތުން އަލުން ޗާޕުކޮށްގެން މިއަދު ގެނެސްފައިވާ ފަސް ރުފިޔާގެ ނޫޓު މާދަމާ އިން ފެށިގެން, ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރާނެ ކަމަށް ބުންޏެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރެވެ. އަދި ފަސް ރުފިޔާގެ އާ ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެ އެވެ. އެގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ, މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނުމަތީ އަގާއެކު އެވެ.

އެމްއެމްއޭ އިން ބުނީ, ފަސް ރުފިޔާގެ ނޫޓަކީ ވިޔަފާރި މުއާމަލާތްތަކުގައި ވިޔަފާރިތަކުން ގިނަ އަދަދަކަށް ބޭނުންކުރާ ނަމަވެސް ބޭންކުތައް މެދުވެރިކޮށް އެ އޮތޯރިޓީއަށް އަނބުރާ ޖަމާކުރާ މިންވަރު ވަރަށް ދަށް ނޫޓެއް ކަމަށެވެ. އެހެންކަމުން އެ އޮތޯރިޓީން ކޮންމެ އަހަރަކު އާންމުންނާއި ބޭންކުތަކަށް އެ ނޫޓު ގިނަ އަދަދަކަށް ދޫކުރަމުންދާ ކަމަށް ބުންޏެވެ.

އިގުތިސާދުގައި ނަގުދު ފައިސާއަށް އަލަށް އުފެދޭ ޑިމާންޑަށާއި އެ އޮތޯރިޓީއަށް ލިބޭ ނޫޓުގެ ތެރެއިން ބާވެ ހަލާކުވެގެން ނަގާ ނޫޓުތަކުގެ ބަދަލުގައި ބޭނުންކުރުމަށް, ނޫޓު ޗާޕުކުރުމުގެ މަސައްކަތް އެމްއެމްއޭ އިން އަބަދުވެސް ކުރަމުންދެ އެވެ.