އޭޕްރިލް 14, 2025

ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަނީ 

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އަށް އާ ޑިރެކްޓާ ޖެނެރަލެއް ހޯދަން މިއަދު އިއުލާނުކޮށްފިއެވެ.

އެ މަގާމަށް މިހާކު ހޯދަން އިއުލާންކުރީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އިންނެވެ. ސީއެސްސީން އެ މަގާމަށް މީހަކު ހޯދަން އިއުލާނުކުރިއިރު އެ ސާވިސްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިދާރީ އާ މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ބޮޑުވުމާއެކު އެކަން އަވަސްކޮށް ވަގުތުން ކުރަންޖެހިފައިހުރި މަސައްކަތްތަކަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި ސިވިލް ސާވިސްގެ ތެރޭގައި އެހެން އިދާރާއެއްގައި މަސައްކަތް ކުރަމުންދިޔަ ޑިރެކްޓާ ޖެނެރަލެއް ހަމަޖައްސައި އެބޭފުޅާގެ ބެލުމުގެ ދަށުން ކުރަންހުރި މަސައްކަތަށް މިހާރު ވަނީ ކުރަން ފަށާފަ އެވެ.

ތެލަސީމިއާ ސެންޓަރުން ދޭ ޚިދުމަތްތަކުގެ ފެންވަރު ދަށްވުމުގެ ސަބަބުން މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ވަނީ އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުން މުޒާހަރާ ކޮށްފައެވެ. އެއާއެކު ޖެހިގެން އައި ދުވަހު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ސެންޓަރަށް ވަޑައިގެން ތަނުގެ ހާލަތު ބައްލަވާލައްވައިފައެވެ. އެއަށް ފަހު ރައީސް ވިދާޅުވީ އެ ސެންޓަރުގައި 2017 ވަނަ އަހަރުން ފެށިގެން ޑިރެކްޓާ ޖެނެރަލެއް ނެތް ކަމަށެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ބްލަޑް ސާވިސްގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކުރި އިއުލާނުގައިވާ ގޮތުން މި މަގާމުގެ މުސާރައަކީ މަހަކު 21،884 ރުފިޔާ އެވެ. މަގާމުގެ އެލެވަންސްގެ ގޮތުގައި މަހަކު 12،534 ރުފިޔާ ކަނޑައަޅާފައިވާއިރު ހާޒިރީ އެލެވަންސްގެ ގޮތުގައި ހާޒިރުވާ ދުވަހަކަށް 339 ރުފިޔާ ކަނޑައަޅާފައިވެ އެވެ.

މި މަގާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ 17 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފަ އެވެ.