ތުރުކީން ރާއްޖެއަށް މިސައިލް ފޮނުވާލެވޭ މަނަވަރެއް ހަދިޔާކުރަން ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ތުރުކީ ކުންފުންޏެއްގެ އަތުން މަނަވަރެއް ގަންނަން އުޅޭކަމުގެ އަޑުތަކެއް ގަދަވެފައި ވަނިކޮށް ޑިފެންސް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ, ތުރުކީގެ ހިލޭ އެހީގައި ދޭން ނިންމާފައިވަނީ ޑޯގަން ކްލާސްގެ މަނަވަރެއް ކަމަށާއި އެ އުޅަނދު ރާއްޖެއަށް ގެނެސް އެމްއެންޑީއެފްގެ ހިދުމަތަށް ނެރެ, ދިވެހި ސިފައިން އެ އުޅަނދު އޮޕަރޭޓް ކުރުމަށް ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ދިވެހި ސިފައިން ތަމްރީންވަމުން އަންނަ ކަމަށެވެ.
ޑިފެންސް މިނިސްޓްރީން ބުނީ, އެ އުޅަނދު ސިފައިންގެ ހިދުމަތަށް ތައާރަފުކުރުމަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށާއި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމުގެ ގާބިލުކަން ހުރި ބަޔަކަށް ސިފައިން ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވަ ލަނޑުދަނޑިއަސް ވާސިލުވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
ޑިފެންސް މިނިސްޓްރީން އިތުރަށް ބުނީ, ސިފައިންގެ ހިދުމަތަށް އިތުރުކުރެވޭ މި މަނަވަރާއެކު ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި އެމްއެންޑީއެފަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ގައުމުން ދޭން ނިންމާފައިވަނީ ޓީސީޖީ ވޮލްކަން (ޕީ-343) ނަމަކަށް ކިޔާ މަނަވަރެކެވެ. މިއީ ޑޯގަން ކްލާސްގެ ފާސްޓް އެޓޭކް އުޅަނދެކެވެ. އެ އުޅަނދު ކޮމިޝަން ކޮށްފައިވަނީ 1981 ވަނަ އަހަރު އެވެ. މިއީ ތުރުކީ ނޭވަލް ފޯސްގައި އޮތް އެންމެ ދުވަސްވީ އެއް މަނަވަރެވެ. އެ މަނަވަރު ރާއްޖެއަށް ހަދިޔާކުރުމުގެ ކުރިން އޭގެ މަރާމާތުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ޑޯގަން ކްލާހުގެ ދެ މަނަވަރު ތުރުކީގެ އަތުގައި އޮވެ އެވެ. އޭގެ ތެރެއިން އެއް މަނަވަރު ރާއްޖެއަށް ހަދިޔާ ކުރަން ނިންމި އިރު އަނެއް މަނަވަރު ބޭނުން ކުރަނީ ޓެސްޓު ދަތުރުތަކަށާއި ތަމްރީންތަކަށެވެ.

34 Comments
ގުޅުންހުރި
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން
މެއިންޓަނެންސް މަސައްކަތަކަށް ހިޔާގެ 4 ޓަވަރަކާއި އެމްޕީއެލްގެ ޓަވަރުތަކުން މާދަމާ ކަރަންޓް
ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް، ކުޑަކުއްޖަކަށް ފަރުވާދެނީ!
40 އަހަރަށްފަހު ފުރަތަމަ ފަހަރަށް ހަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގަންނަވަނީ
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ބިލް ރައީސް ތަސްދީގު ކުރައްވައިފި
ބިލު ފާސްކުރީ ނަތަންޔާހޫ، އިޒްރޭލު އަސްކަރިއްޔާއަށް ވެސް ރާއްޖެ އާދެވޭ ގޮތަށް: