ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް އިންޑިއާ އިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފި އެވެ.
މިއީ އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމެންޓް“ގެ ތިން ވަނަ ފިޔަވަހީގެ ދަށުން ދިން އެހީ އެކެވެ. އެ ސްކީމުގެ ތިންވަނަ ފިޔަވަހީ އިއުލާން ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.
އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަނެވެ. އެ މަޝްރޫއުތަކުގެ ތަންފީޒީ ފަރާތުގެ ގޮތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނެވެ.
ފޮރިން މިނިސްޓްރީން ބުނީ، އެ 100 މިލިއަން ރުފިޔާ އިން 13 މަޝްރޫއެއް ހިންގަން ނިންމާފައިވާ ކަމަށެވެ. އެއީ ރ. އަދި ބ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ބޭނުންވާ 12 ފެރީ ބަނުމަށާއި ރ. އުނގޫފާރުގައި ފެރީ ޓާމިނަލް ހެދުން ކަމަށް ބުންޏެވެ.
އަމީން ވިދާޅުވީ، ރާއްޖޭގެ ނުވަ އަތޮޅެއްގެ 81 ރަށެއް ގުޅާލައި ހަލުވި ސްޕީޑް ފެރީގެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ހަލުވިކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި މުޅި މަޝްރޫއު 2027 ވަނަ އަހަރު ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް، މި އަހަރު ނިމުމުގެ ކުރިން މި މަޝްރޫއުތައް ނިންމާލެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.




ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
އެސްޓީއޯގެ ބޭސްފިހާރަތައް ސަރުކާރުގެ ބޭސް ކުންފުނީގެ ދަށަށް
ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!
ވިލިނގިލި ޑުރަގް ނެޓްވޯކު: އެކައުންޓްތަކުގައި 300 މިލިއަން ރުފިޔާ، 4 ލައްކަ
ވޯޓު ގަނެގެން އިންތިހާބުވާން ވިސްނާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތަށް އުޅޭ ބައެއް: