ޖެނުއަރީ 15, 2026

ފާހަގަ ޖަހަންވީ ރަނގަޅު ނަމުގައި، ރަނގަޅު ނަމަކީ އާދަމް އާޒިމް: ވާވާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރާނެ ބޭފުޅަކު ހޮވުމަށް މާދަމާ ބާއްވާ ޕްރައިމަރީގައި ފާހަގަ ޖަހަންވީ ރަނގަޅު ނަމަކީ އާދަމް އާޒިމް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ, އަބްދުالله ރަޝީދު (ވާވާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގައި ”ދެންވެސް އާދަމް އާޒިމް“ގެ ނަމުގައި ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ވާވާ ވިދާޅުވީ, މާލޭ ސިޓީގެ އެމްޑީޕީގެ ރައްޔިތުން މާދަމާ ނުކުމެ ނަޒާހަތްތެރި ކެންޑިޑޭޓަކަށް ވޯޓު ދޭނަމަ އާދަމް އާޒިމްއަށް ވޯޓު ދެއްވަންޖެހޭ ކަމަށެވެ.

އަދި އެމްޑީޕީ މަގުމަތިވި ދުވަހު ޕާޓީގެ މެންބަރުންނާއެކު ނުކުމެ މި ހަރުގެ ފުރާލަދެއްވި ބޭފުޅަކީ އާދަމް އާޒިމް ކަމަށާއި އެހެންވެ އެމްޑީޕީގެ މެންބަރުންގެ އަދަދު އިތުރުކުރަން ބޭނުންވާނަމަ ވޯޓު ދެއްވަންޖެހޭނީ ކެންޑިޑޭޓް ނަންބަރު 1, އާދަމް އާޒިމް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

”އަޅުގަނޑުމެން ދެން އިތުރަކަށް އެއްޗެއް ޓެސްޓުކުރާކަށް ބޭނުމެއް ނޫނޭ. އަޅުގަނޑަކީ 2008 އިން ފެށިގެން އެމްޑީޕީއަށް ވަދެ, އެމްޑީޕީއަށް މަސައްކަތްކުރާ, މިއަދުވެސް އެމްޑީޕީން ގޮވާލި ކޮންމެ ކަމެއްގައި ފޫހިކަމެއްނެތި މަސައްކަތްކުރާ މެންބަރެއް. އަޅުގަނޑުމެން ތިބޭފުޅުންނަކަށް ނުގެނެސްދޭނަން, އެމްޑީޕީއަށް ހަރާންކޯރުވާނެ މީހެއް. އަޅުގަނޑުމެން ދައްކާނީ އަޅުގަނޑުމެން ޓެސްޓުކޮށްފައި, ޓެސްޓެޑް ޕްރޫފް ޕްރޮޑަކްޓެއް. އާދަމް އާޒިމަކީ ހުރިހާ ގޮތަކުންވެސް މި މާލެ ސިޓީއަށް ލިބޭނެ ނަންބަރު 1,“ ވާވާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ, މާލެ ސިޓީ ޒީނަތްތެރިކުރަން ބޭނުންވާ ނަމަ އަދި މިސްކިތްތައް މަރާމާތުކޮށް ދިން ފަރާތަކީވެސް އާދަމް އާޒިމް ކަމަށާއި މަގުމަތިން ފެން ހިންދައިދެއްވި ބޭފުޅަކަށް ވޯޓު ދެއްވާނަމަވެސް ވޯޓު ދެއްވަން ޖެހޭނީ އާދަމް އާޒިމަށް ކަމަށެވެ.

“ ރަނގަޅު ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖައްސަވާ. ރަނގަޅު ނަމަކީ އާދަމް އާޒިމް. ރަނގަޅު ފާހަގަޖަހަންޖެހޭ ނަންބަރަކީ ނަންބަރު 1,“ ވާވާ ވިދާޅުވި އެވެ.