ބްރައިޓް މައިންޑްސްގެ ވެރިޔާ އަފްލަހުގެ މައްޗަށް ހަ ދައުވާއެއް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބްރައިޓް މައިންޑްސް ޓިއުޝަން ސެންޓަރުގެ ވެރިޔާ، ހމ. ހައިރާތު / މާލެ، އަލީ އަފްލަހު (27އ) ގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.

އަފްލަހުގެ މައްޗަށް ކޮށްފައިވަނީ މަހުރަމަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާއާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެ ކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާއާއި، އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަފްލަހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތެވެ.

މި މައްސަލައިގައި އަފްލަހު ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.