ވޯލްޑް ކަޕް 2030 ގައި ވެސް ރޮނާލްޑޯ ފެނިދާނެ: މާޓިނޭޒް

ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ -- ފޮޓޯ: ގެޓީ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، އުމުރުން 45 އަހަރުގައި 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގައި ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ވޯލްޑް ކަޕް 2030 ގައި  ޕޯޗުގަލް، ސްޕެއިން އަދި މޮރޮކޯ ގުޅިގެން ހޯސްޓްކުރާ އިރު، ރޮނާލްޑޯ އެ މުބާރާތުގައި ކުޅެފައިނެތޯ އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ދެމުން މާޓިނޭޒް ބުނީ، ރޮނާލްޑޯގެ ކިބައިގައި އަދިވެސް ކާމިޔާބީއަށް އޮތް ”ހައިބަތު“ ނުވަތަ ބަނޑުހައިހޫނުކަން ވަރަށް ބޮޑު ކަމަށެވެ.

މާޓިނޭޒް ފާހަގަކުރި ގޮތުގައި ރޮނާލްޑޯގެ އުމުރުން ދުވަސްވީ ނަމަވެސް، އޭނާގެ ކިބައިގައި ހުންނަ ނަފްސާނީ ވަރުގަދަކަމަކީ އެހެން ކުޅުންތެރިންނާ އޭނާ ތަފާތުކޮށްދޭ ކަމެކެވެ. ކޮންމެ ކާމިޔާބީއަކަށްފަހުވެސް، އިތުރަށް ކުރިއަރަން އޭނާގެ ހިތުގައި އޮންނަ ޝައުގުވެރިކަން ކުޑަނުވާކަން މާޓިނޭޒް ފާހަގަކުރިއެވެ.

ރޮނާލްޑޯ 2030 ގެ ވޯލްޑް ކަޕްގައި ފެނުމުގެ ފުރުސަތާ ގުޅޭގޮތުން މާޓިނޭޒް ބުނީ، ”އޭނާ އެކަމަށްޓަކައި މަސައްކަތް ކުރާނެ. އެކަމާ މެދު އެއްވެސް މީހަކު ޝައްކު ނުކުރަންވީ،“ ކަމަށެވެ. އަދި ޕޯޗުގަލްގެ ޒުވާން ކުޅުންތެރިންނަށް ރޮނާލްޑޯއަކީ ރަނގަޅު މިސާލެއްކަމަށް އޭނާ ބުންޏެވެ.

މާޓިނޭޒް ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވެދާނެ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ސުވާލުކުރުމުން، އޭނާ ވަނީ ވިސްނުންތެރިކަމާއެކު އެކަމަށް ޖަވާބުދީފައެވެ. ޕޯޗުގަލްގައި ހުރެގެން އެފަދަ ކޯލެއް ލިބިދާނެތޯ ސުވާލުކުރުމުން، އޭނާ ވަނީ އެކަން ޖޯކަކަށް ހަދައިފައެވެ.