ވޯލްޑް
ކަޕް

ނޮކްއައުޓް ބުރަށް ޕޯޗުގަލް ނުކުންނާނީ ”ދެވަނަ ވޯލްޑް ކަޕެއް“ގެ ގޮތުގައި: މާޓިނޭޒް 

ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް -- ފޮޓޯ/ ރޮއިޓާސް

ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ ގަދަ 32 ގެ މެޗަށް ތައްޔާރުވަނީ ”ދެވަނަ ވޯލްޑް ކަޕެއް“ގެ ގޮތުގައި ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ގްރޫޕް ކޭގައި ޕޯޗުގަލް ވަނީ ޑީއާރް ކޮންގޯއާއި ކޮލަމްބިއާއާ އެއްވަރުވެ އުޒްބެކިސްތާނު އަތުން 5-0 އިން މޮޅުވެ ކޮލަމްބިއާގެ ފަހަތުން ގްރޫޕުގެ ދެވަނައިގައި ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ.

”މާދަމާ ދެވަނަ ވޯލްޑް ކަޕް ފެށޭނެ ތައްޔާރީ ވަރަށް މުހިންމު“ ކަމަށް މާޓީނޭޒް ބުނެފައިވާ އިރު، ގުރޫޕް ސްޓޭޖުގެ ތިން މެޗު ”އުނދަގޫ“ ކަމަށް އޭނާ ވަނީ ސިފަކޮށްފައެވެ.

ކްރޮއޭޝިއާ އަކީ 2018 ގައި ފައިނަލިސްޓުންނަށްވެ، 2022 ގައި ތިންވަނަ ހޯދި ޓީމެއް ކަމަށާއި ކްރޮއޭޝިއާ އަކީ ޕޯޗުގަލް ވަރަށް ރަނގަޅަށް ދަންނަ ޓީމެއް ކަމަށެވެ. އަދި އެޓީމަށް ވެސް ޕޯޗުގަލްގެ ހުނަރާއި ކުޅުންތެރިން އެނގޭތީ ވާދަވެރި މެޗަކަށް ވާނެ ކަމަށް މާޓިނޭޒް ބުންޏެވެ.

ކޮލަމްބިއާ މެޗުގައި ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ފުރިހަމަ 90 މިނެޓު ކުޅުވި ކަމަށް ފާޑުކިޔުން އަމާޒުވެފައިވީ ނަމަވެސް މާޓިނޭޒް ވަނީ އެއީ ކަންބޮޑުވުމެއް ނޫން ކަމަށް ބުނެފައެވެ. ”މުހިންމީ ހުރިހާ ކުޅުންތެރިން ޓީމަށް ކުޅެން ތައްޔާރަށް ތިބުން. ފުރަތަމަ އެގާރައިގައި ވިޔަސް، ބެންޗުގައި ވިޔަސް،“ ކަމަށް މާޓިނޭޒް ބުންޏެވެ.

މި މެޗުގައި 41 އަހަރުގެ ރޮނާލްޑޯ އާއި 40 އަހަރުގެ ލޫކާ މޮޑްރިޗް ކެޕްޓަނުންގެ ގޮތުގައި ކުރިމަތިލާ އިރު، އެ ދެ ކުޅުންތެރިންކުރެ އެކެއްގެ ފަހު ވޯލްޑް ކަޕް މެޗަށް ވެދާނެ ކަމަށް ބެލެވެއެވެ. ”މީހުން އުމުރާ ބެހޭގޮތުން ވާހަކަ ދައްކާ، އެކަމަކު އުމުރަކީ ހަމައެކަނި ނަންބަރެއް. މުހިންމީ އެމީހުން ކުރާ ކަންތައްތަކާއި ކުޅުންތެރިންނަށް ދައްކާ ނަމޫނާ،“ ކަމަށް މާޓީނޭޒް ބުންޏެވެ.

ޕޯޗުގަލުން މި މެޗު ކުޅޭނީ އެޓީމުގެ ފޯވަޑް ޑިއޯގޯ ޖޮޓާ ކާރު އެކްސިޑެންޓެއްގައި ނިޔާވިތާ އެއް އަހަރު ފުރޭ ދުވަހުގައެވެ. އެހެންކަމުން ޕޯޗުގަލަށް މި މެޗަކީ ޖަޒުބާތީ މެޗަކަށް ވާނެއެވެ.

ޕޯޗުގަލް މިޑްފީލްޑަރު ވިޓީނިއާ ބުނީ ”މޮޅުވާން ހުރިހާ ހިތްވަރެއް އެބަހުރި، އާއިލާތަކަށް، ޑިއޯގޯ ޖޮޓާއަށް، މުޅި ގައުމަށް، މުޅި ޕޯޗުގަލަށް. މި ސަބަބަށްޓަކައި ކްރޮއޭޝިއާ ބަލިކުރަން އެންމެ ރަނގަޅަށް މަސައްކަތް ކުރާނަން“ ކަމަށެވެ.

ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުގައި ޕޯޗުގަލުން ކްރޮއޭޝިއާއާ ދެކޮޅަށް ނުކުންނާނީ މިރޭ ދަންވަރު 4:00 ގައެވެ.