މެކްސިކޯ ސިޓީގައި ވޯލްޑް ކަޕް 2026 ގެ ކާމިޔާބީ ފާހަގަކުރުމަށް އެތައް ލައްކަ ބަޔަކު މަގުތަކަށް ޖަމާވި ތެރޭގައި ފިތިބާރުވެ ހަތަރު މީހަކު މަރުވެއްޖެއެވެ.
މެކްސިކޯއިން އެކުއެޑޯ ބަލިކޮށް 40 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ނޮކައުޓް މެޗެއް ކާމިޔާބުކުރުމާ ގުޅިގެން ވެރިރަށުގެ މައި މަގު ޕަސެއޯ ދެ ލަ ރެފޯރްމާގައި ބެހެއްޓި ބޮޑެތި ސްކްރީންތައް ކައިރިއަށް އެއްވި މީހުންގެ ތެރެއިން ތިން މީހަކު ނޭވާ ހާސްވެގެން މަރުވެފައިވާ ކަމަށް މެކްސިކޯ ސިޓީގެ ސިއްހީ އިދާރާއިން ވަނީ ބުނެފައެވެ.
މަރުވީ 19 އަހަރުގެ އަންހެނަކާއި 44 އަހަރުގެ ފިރިހެނެއްގެ އިތުރުން 48 އަހަރުގެ އަންހެނެކެވެ. ހަތަރުވަނަ މީހާއަކީ 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ފިޓް ޖެހުމާއި ގޮހޮރުން ލޭ އައުމުގެ މައްސަލައިގައި ކަމަށާއި ހިތް ހުއްޓިގެން އޭނާ މަރުވެފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
މެކްސިކޯގެ ނޫހެއް ކަމަށްވާ ”އެލް ޔުނިވާސަލް“ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ފިތި ބާރުވުމުގެ ހާދިސާ ފެށުނީ ބަޔަކު ބަޑިބޭހުގެ ބާވަތެއް ޖެހުމުން ބިރުން މީހުން ދުވަން ފެށި ހިސާބުންނެވެ. ބައެއް މީހުން ވެއްޓި ފައިދަށުވެފައިވެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި ތާރީހީ ބިނާއެއް ކައިރީގައި މީހުން ތާށިވެ ހެލިނުލެވޭ ވަރަށް ފިތިފައި ތިއްބެވެ. އިތުރު ވީޑިއޯތަކުން ސަޕޯޓަރުންގެ މެދުގައި ހިނގި ތަޅައިފޮޅުމާއި ބިންމަތީގައި ދަޅާއި ފުޅި ފެތުރިފައި އޮތް މަންޒަރު ފެނެއެވެ.
މެކްސިކޯގެ ރައީސް ކްލައުޑިއާ ޝައިންބައުމް ވިދާޅުވީ ކަންތައް ގޯސްވި ގޮތް އެޓާނީ ޖެނެރަލްގެ އޮފީހުން ތަހުގީގުކުރާނެ ކަމަށާއި އިންގެލެންޑާ ދެކޮޅަށް ކުޅޭ ގަދަ 16 ގެ މެޗުގެ ކުރިން ބަދަލުތައް ގެންނަން ޖެހޭތޯ ބައްލަވާނެ ކަމަށެވެ. ”ރައްޔިތުން ޒިންމާދާރުކަމާއެކު އުފާ ފާޅުކުރަން ޖެހޭ“ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މެކްސިކޯ ސަރުކާރުން ބުނެފައިވާ ގޮތުގައި ގާތްގަނޑަކަށް އެއް މިލިއަން މީހުން ވެރިރަށުގައި އެއްވެފައިވެއެވެ. މުބާރާތުގެ ކުރީ ބައިގައި ވެސް ކޮންމެ މެޗެއް ކާމިޔާބުކުރާ ވަރަކަށް އެއްވާ މީހުންގެ އަދަދު އިތުރުވަމުން ދިޔައެވެ.


