ވޯލްޑް ކަޕް ގެ ގަދަ 16 ގެ ބުރުގައި މިސްރު އަތުން 3-2 އިން އާޖެންޓީނާ ހޯދި މޮޅުގައި ރެފްރީން ވަކި ފަރާތަކަށް ޖެހުނު ކަމަށް ކުރެވޭ ތުހުމަތުތައް ފީފާގެ ރެފްރީ ޗީފް ޕިއެރްލުއީޖީ ކޮލީނާ މިއަދު ދޮގުކުރައްވައިފިއެވެ.
ފީފާގެ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ކޮލީނާ ވިދާޅުވީ ރެފްރީންނަށް ފާޑުކިޔުމަކީ ފުޓުބޯޅައިގެ ބައެއް ކަމަށާއި، ނަމަވެސް ރެފްރީންގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފެއްދުން ބަލައިނުގަންނާނެ ކަމަށެވެ. ކޮލީނާ ވިދާޅުވީ މެޗު އޮފިޝަލުން މަސައްކަތް ކުރީ ފުރިހަމަ މިނިވަންކަމާއެކުގައި ކަމަށެވެ.
”ނިންމުންތަކާ ބެހޭ ބިނާކުރުވަނިވި މަޝްވަރާ އަކީ އަބަދުވެސް ފުޓުބޯޅައިގެ ބައެއް. ނަމަވެސް އެއްވެސް އަސާސެއް ނެތް ތުހުމަތުތަކަށް މި ކުޅިވަރުގައި ޖާގައެއް ނެތް. ފީފާގެ ރެފްރީންނަށް ފީފާގެ ރައީސް ވެސް ހިމެނޭ ގޮތުން އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވެއޭ ބުނެވޭނެ ޖާގައެއް ނެތް،“ ކޮލީނާ ވިދާޅުވިއެވެ. މިފަދަ ތުހުމަތުތަކުގެ ސަބަބުން ރެފްރީންނާއި އެ މީހުންގެ އާއިލާތަކަށް ބިރު ދެއްކުމަށް މަގުފަހިވެދާނެ ކަމަށް ވެސް ކޮލީނާ ވިދާޅުވިއެވެ.
އާޖެންޓީނާ 2-0 އިން ފަހަތުގައި އޮއްވައި އެ ނަތީޖާ އަނބުރާލައި، އެންޒޯ ފެނާންޑޭޒް އިތުރު ވަގުތުގައި ޖެހި ގޯލުން މެޗު ކާމިޔާބުކުރިއެވެ. މެޗަށް ފަހު މިސްރުގެ ކޯޗު ހުސާމް ހަސަން ބުނީ އާޖެންޓީނާ މުބާރާތުގައި ބެހެއްޓުމަށް ރެފްރީއަށް ޕްރެޝަރު ކޮށްފައި ވެދާނެ ކަމަށެވެ. މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ ނިންމުންތަކުގެ އެއްގޮތްކަމާއި އަދުލުވެރިކަމާ މެދު ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.
މިސްރުން ބުނީ މުސްތަފާ ޒީކޯ ދެވަނަ ހާފުގައި ޖެހި ގޯލު ގޯސްކޮށް ބާތިލުކުރި ކަމަށާއި، އާޖެންޓިނާގެ ފަހު ގޯލުގެ ކުރިން މުހައްމަދު ސަލާހަށް ކުރި ފައުލް ބަލާފައިނުވަނީ ނާއިންސާފުން ކަމަށެވެ. ނަމަވެސް ކޮލީނާ ވިދާޅުވީ ޒީކޯގެ ގޯލު ބާތިލުކުރީ ވީއޭއާރުން ބެލިއިރު މަރްވާން އަތިއްޔާ، އާޖެންޓީނާގެ ލިސާންޑްރޯ މާޓީނެޒަށް ކުރި ފައުލެއް ފާހަގަވުމުން ކަމަށެވެ.
”ފައުލަކީ ފައުލެއް. ރެފްރީއަށް ދަނޑުމަތީގައި ނުފެނުނު ނަމަވެސް ވީއޭއާރަށް އެކަމުގައި ބެހެވޭނެ،“ ކޮލީނާ ވިދާޅުވިއެވެ. ސަލާހާ ގުޅޭ ނިންމުމާ ބެހޭގޮތުން ކޮލީނާ ވިދާޅުވީ ސަލާހާ ދެމެދު ހިނގީ ”އާންމު ފުޓުބޯޅައިގެ ކޮންޓެކްޓެއް“ ކަމަށް ރެފްރީ އާއި ވީއޭއާރު ނިންމި ކަމަށެވެ. ބައެއް ނިންމުންތަކުގައި ސަބްޖެކްޓިވް ބައެއް ހިމެނޭކަން ގަބޫލުކުރައްވަމުން ވެސް، މުބާރާތުގައި ވީއޭއާރުގެ އުސޫލުތައް ތަރުތީބުކުރެވުނު ގޮތާ މެދު ފީފާ ހިތްހަމަޖެހޭ ކަމަށް ކޮލީނާ ވިދާޅުވިއެވެ.


