މިސްރުގެ ގައުމީ ޓީމުގެ ހެޑް ކޯޗު ހުސާމް ހަސަންގެ ކޮންޓްރެކްޓް އާކުރަން ފާސްކޮށްފިއެވެ.
މިސްރުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ވަނީ، އެ އެސޯސިއޭޝަނުގެ ރައީސް ހާނީ އަބޫ ރިދާ ވަނީ ކޯޗު ހުސާމް ހަސަނާއި ޓީމް ޑިރެކްޓަރު އިބްރާހީމް ހަސަންގެ ކޮންޓްރެކްޓް އާކުރަން ފާސްކޮށްފައިވާކަން އިއުލާންކޮށްފައެވެ. މި ނިންމުން ނިންމާފައިވަނީ ވޯލްޑް ކަޕްގައި މިސްރުން ހޯދި ކާމިޔާބީއާ ގުޅިގެންނެވެ.
އުމުރުން 59 އަހަރުގެ ހުސާމް ހަސަން ގައުމީ ޓީމުގެ ކޯޗުކަމަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އޭނާގެ ކޯޗުކަމުގެ ދަށުން މިސްރު ވަނީ 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮންޓްރެކްޓެއް ނެތި ގައުމީ ޓީމާއެކު މަސައްކަތްކުރަމުންދިޔަ ކަމަށް އޭނާ ކުރިން ބުނެފައިވެއެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ނިއު ޒީލެންޑް އަތުން 3-1 އިން މޮޅުވެ، ހުސާމް ހަސަންގެ އިރުޝާދުގެ ދަށުން މިސްރުން ވޯލްޑް ކަޕްގެ ފުރަތަމަ މޮޅު ހޯދިއެވެ. ގަދަ 32 ގައި އޮސްޓްރޭލިއާ ޕެނަލްޓީގައި ބަލިކޮށް، ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ނޮކައުޓް މެޗެއް ކާމިޔާބުކުރިއެވެ. އަދި ކުއާޓާ ފައިނަލަށް ދާން ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އަތުން ވަނީ 3-2 އިން ބަލިވެފައެވެ.
މިސްރުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ހުސާމް ހަސަންގެ އާ ކޮންޓްރެކްޓް 2030 ވަނަ އަހަރާ ހަމައަށް ދެމިގެންދާނެއެވެ.


