މޮރޮކޯގެ ވޯލްޑް ކަޕް ދަތުރާ މެދު ތައުރީފު ކުރުމަށް ވަގުތު ބޭކާރު ނުކުރާނެ ކަމަށާއި، އެ ޓީމުގެ އަމާޒަކީ ވޯލްޑް ކަޕް ތަށި ކަމަށް މޮރޮކޯގެ ކޯޗު މުހައްމަދު ވައްހަބީ ބުނެފިއެވެ.
މިރޭ ކުޅޭ މި މެޗަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލްގެ ރީމެޗެކެވެ. އެ ފަހަރު ގަތަރުގައި މޮރޮކޯގެ ތާރީހީ ދަތުރު ނިމުމަކަށް ގެނައީ ފްރާންސެވެ. ނަމަވެސް މިފަހަރު މޮރޮކޯ ނުކުންނަނީ ސަޕްރައިޒް ޓީމެއްގެ ގޮތުގައެއް ނޫނެވެ. ތަށި ހޯދުމުގެ އިތުބާރާއެކު ނުކުންނަ ވަރުގަދަ ޓީމެއްގެ ގޮތުގައެވެ.
”މުބާރާތް ނިމުމުން ހިސާބު ޖަހާނީ. މިހާރު އެއްވެސް އެއްޗެކޭ ނުބުނާނަން، ސަބަބަކީ އަހަރެމެންނަށް އިތުރު ކާމިޔާބީ ހޯދެން އެބައޮތް. ’މިހާތަނަށް ކުރި ކަންތައް ވަރަށް މޮޅު‘ އޭ ބުނާ މީހުންގެ ވާހަކަ އަޑެއް ނާހާނަން،“ ނޫސްވެރިންގެ ބައްދަލުވުމުގައި ވައްހަބީ ބުންޏެވެ.
މޮރޮކޯ ކޯޗު ވައްހަބީ ބުނީ ފްރާންސަކީ ފެވަރިޓުން ކަމަށްވިޔަސް، އެ ޓީމު އަތުން މޮޅުވެ ސެމީ ފައިނަލަށް ދާން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި މިހިސާބަށް އާދެވުނީތީ ރަނގަޅު ކަމަށް ބަލައި ދެން ހުރީ ހައްތާވެސް ބޯނަސްއޭ ބުނާ އިހުސާސް އޭނާއަށް ކަމު ނުދާ ކަމަށެވެ.
”ނޫން، ބޯނަހަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުން. މިހެން ވިސްނައިގެން މިހިސާބަށް އައީ، އަދި މީގެ ކުރިއަށް ވެސް ދާނަން،“ ވައްހަބީ ބުންޏެވެ.
ވޯލްޑް ކަޕް 2018 ގެ ޗެމްޕިއަން އަދި 2022 ގެ ފައިނަލިސްޓް ފްރާންސް، މި ވޯލްޑް ކަޕްގެ ގަދަ 16 އިން ކުއާޓާ ފައިނަލަށް ދިޔައީ ޕެރެގުއާއީ ކައިރިން ކިލިއަން އެމްބާޕޭގެ ގޯލާއެކު 1-0 އިން މޮޅުވެގެންނެވެ. ފްރާންސްގެ ކެޕްޓަން އެމްބާޕޭ މި މުބާރާތުގައި ހަތް ގޯލު ޖެހިއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއެއްގެ ގޮތުގައި އޮތީ އަށް ގޯލާއެކު އާޖެންޓީނާގެ ލިއޮނެލް މެސީއެވެ. އެމްބާޕޭ، އުސްމާން ޑެމްބެލޭ، މައިކަލް އޮލީސޭ އަދި ބްރެޑްލީ ބާކޮލާ ހިމެނޭ ފޯވާޑް ލައިނަކީ ވޯލްޑް ކަޕެއްގައި ފެނުނު އެންމެ ނުރައްކާތެރި ފޯވާޑް ލައިންތަކުގެ ތެރޭގައި ހިމެނޭ ފޯވާޑް ލައިނެކެވެ.
މޮރޮކޯ އަކީ ބްރެޒިލާ އެއް ގްރޫޕެއްގައި ހިމެނުނު ނަމަވެސް ފަސޭހަކަމާއެކު ދެވަނަ ބުރަށް ދިޔަ ޓީމެކެވެ. އެއަށްފަހު ނެދަލެންޑްސް އަދި ކެނެޑާ ބަލިކޮށް، ތަށީގެ ސީރިއަސް ވާދަވެރިއެއްގެ ގޮތުގައި ސާބިތުވިއެވެ.
”މޮރޮކޯ ޓީމު ކުރިއަރަމުން ދަނީ، ފްރާންސް ވެސް ކުރިއަރަމުންދަނީ. ރަނގަޅު ކުރަން ޖެހޭ ކަންކަން އެބަހުރި. 2000 ޕަސެންޓުގައި ކުޅެން ޖެހޭ. މިހާތަނަށް ކުރި ކަންތައް ގޯހެއް ނޫނޭ ހިތައި ހުއްޓައެއް ނުލެވޭނެ،“ ވައްހަބީ ބުންޏެވެ.
ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ފްރާންސާ ދެކޮޅަށް މޮރޮކޯ އިން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 1:00 ގައެވެ.


