ވޯލްޑް
ކަޕް

ވޯލްޑް ކަޕްގައި ކުޅުނު ދެކުނު އެފްރިކާގެ މިޑްފީލްޑަރު އެޑަމްސް މަރުވެއްޖެ

ދެކުނު އެފްރިކާގެ މިޑްފީލްޑަރު ޖޭޑެން އެޑަމްސް -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގެ ގްރޫޕް ސްޓޭޖުގައި ދެކުނު އެފްރިކާގެ ތިން މެޗުގައި ވެސް ކުޅުނު މިޑްފީލްޑަރު ޖޭޑެން އެޑަމްސް، އުމުރުން 25 އަހަރުގައި މަރުވެއްޖެއެވެ.

އެޑަމްސް މަރުވި ސަބަބެއް ހާމައެއް ނުކުރެއެވެ. ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ އެކަން ކަށަވަރުކޮށްދީފައެވެ. އެޑަމްސް ވަނީ ގްރޫޕް އޭގައި މެކްސިކޯ އާއި ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު މެޗުތަކުގައި ފުރަތަމަ އެގާރައިގައި ކުޅެފައެވެ. ދެކުނު ކޯރެއާ ކައިރިން 1-0 އިން މޮޅުވި މެޗުގައި ބެންޗުން އެރި އިރު، އެ މޮޅާ އެކު ދެކުނު އެފްރިކާ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދަތުރުކުރީ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށެވެ. ނަމަވެސް ނޮކްއައުޓް ބުރުގައި ކެނެޑާ އަތުން ބަލިވިއެވެ. ޗެކް ރިޕަބްލިކް މެޗުގެ ކުރީ ދުވަހު އެޑަމްސްގެ މާމަ ވަނީ މަރުވެފައެވެ. އެ މެޗުގައި ފުރަތަމަ ހާފު ނިމުމުން އޭނާ ބަދަލުކުރިއެވެ.

ދެކުނު އެފްރިކާގެ ފުޓްބޯޅަ ކުޅުންތެރިންގެ ޔޫނިއަނުން ނެރުނު ބަޔާނެއްގައި ބުނީ ”ދެކުނު އެފްރިކާގެ ފުޓްބޯޅައިން ހުނަރުވެރި ކުޅުންތެރިއެއް ގެއްލިއްޖެ ކަމަށާއި، ކުޅިވަރަށް ހިދުމަތްތެރި، އަދި ޒުވާން ފުރާނައެއް ގެއްލިގެން ހިނގައްޖެ“ ކަމަށެވެ.

ދެކުނު އެފްރިކާގެ ކުޅިވަރާ ބެހޭ ވަޒީރު ގޭޓަން މެކެންޒީ ވެސް ތައުޒިޔާ ފޮނުއްވައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ”އެކެޑެމީ ކުޅުންތެރިއެއްގެ ގޮތުގައި ފެށި ދަތުރު ބަފާނާ ބަފާނާގެ ފުރިހަމަ ގައުމީ ކުޅުންތެރިއަކަށް ބަދަލުވެގެން ދިޔަ މަންޒަރު ދުށް އެތައް މިލިއަން ސަޕޯޓަރުންނާ އެކު މުޅި ގައުމު ހިތާމަކުރާ“ ކަމަށެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ތައުޒިޔާ ފޮނުއްވައި، އޭނާއާއި ފީފާ އަދި ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ހެޔޮ ދުއާ އެޑަމްސްގެ އާއިލާ އާއި ރަހުމަތްތެރިންނާ އެކު ވާ ކަމަށް ވިދާޅުވެފައެވެ.

އެޑަމްސް ފުޓްބޯޅައިގެ ހަޔާތް ފެށީ ސްޓެލެންބޮޝް އެފްސީގެ ޒުވާން ޑިވެލޮޕްމަންޓް ނިޒާމުގެ ތެރެއިންނެވެ. 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ޕްރިޓޯރިއާގެ މެމެލޯދީ ސަންޑައުންސް އަށް ބަދަލުވެ، 2025/26 ވަނަ ސީޒަނުގައި އެފްރިކާގެ ޗެމްޕިއަންސް ލީގު ތަށި ހޯދުމުގައި ބައިވެރިވިއެވެ. 2022 ވަނަ އަހަރު މޯޒަމްބީކާ ދެކޮޅަށް ގައުމީ ޓީމަށް ކުޅެން ފެށި އެޑަމްސް 13 މެޗު ކުޅެ، ދެ ގޯލު ޖަހައިފައެވެ.