ވޯލްޑް
ކަޕް

ވޯލްޑް ކަޕް 64 ޓީމަށް ބޮޑުކުރުމާ މެދު މަޝްވަރާކުރަނީ

ފީފާގެ ރައީސް އިންފަންޓީނޯ، ވޯލްޑް ކަޕް 2026 ގެ މެޗެއް ބައްލަވައިލައްވަނީ -- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕް 2026 އަށްފަހު، ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު 64 އަށް އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ކުރިއަށްދާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް 48 ޓީމު ބައިވެރިވެފައިވާ އިރު، މި ނިންމުމަށް ބޮޑެތި ފާޑުކިޔުންތަކެއް އައި ނަމަވެސް، ޖޫން 11 ގައި މުބާރާތް ފެށުނު ފަހުން މާ ބޮޑު ބަހުސެއް ފެނިފައެއް ނުވެއެވެ.

ސްވިޒަލޭންޑްގެ ބްލޫ ސްޕޯޓް ޓީވީ ޗެނަލަށް ދިން އިންޓަވިއުއެއްގައި އިންފަންޓީނޯ، އެ މަޝްވަރާތައް ކުރިއަށްގެންދަވާނެ ކަމަށް ވިދާޅުވި ނަމަވެސް، އިތުރު ތަފްސީލެއް ދެއްވައިފައެއް ނުވެއެވެ. އިންފަންޓީނޯ އަކީ މީގެ ކުރިން ވޯލްޑް ކަޕް 32 ޓީމަށް ބޮޑުކުރުމަށް ބާރު އެޅުއްވި ބޭފުޅެކެވެ.

”ވޯލްޑް ކަޕަށް ފަހު ބަލައި ދިރާސާކުރާނެ ހުރިހާ ކަމެއް. ވޯލްޑް ކަޕެއް އިންތިޒާމުކުރަން ބޭނުންވާ ނަމަ، ދުނިޔޭގެ ހުރިހާ ބައްރެއް ހިމަނައިގެން ކުރިއަށް ގެންދިއުން މުހިންމުކަމަށް ދެކެން. ޔޫރަޕާއި ދެކުނު އެމެރިކާ އެކަންޏެއް ނޫން، ހަގީގަތުގައި ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ފުރުސަތު ދޭން ޖެހޭ،“ އޭނާ ވިދާޅުވިއެވެ.

އިންފަންޓީނޯ ވިދާޅުވީ ކޮންމެ ގައުމަކަށްވެސް ވޯލްޑް ކަޕުގައި ބައިވެރިވުމުގެ ހުވަފެން ދެކުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށާއި ޓީމުތަކުގެ ފެންވަރު ވަރަށް ބޮޑަށް މަތިވެފައިވާކަން ފެންނަން އެބައޮތް ކަމަށެވެ. ކުޑަ ގައުމުތަކަށް ވޯލްޑް ކަޕުގައި ބައިވެރިވުމުގެ ފުރުސަތު ނުދޭ ނަމަ، ކުރިއަރައި ދިއުމަށް ބާރު ލިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

48 ޓީމުގެ މުބާރާތް ކާމިޔާބުކަމަށް ސިފަކުރައްވައި އިންފަންޓީނޯ ވިދާޅުވީ ކޮންމެ ޓީމަކުންވެސް މަތީ ފެންވަރެއްގައި ކުޅެފައިވާ ކަމަށާއި، ކޮންމެ ބައްރެއްގެ ޓީމުތަކުންވެސް ގޯލު ޖަހައި، މަދުވެގެން އެއް ޕޮއިންޓު ހޯދާފައިވާ ކަމަށެވެ.

”އެފްރިކާގެ 10 ޓީމުގެ ތެރެއިން 9 ޓީމު ނޮކްއައުޓް ސްޓޭޖަށް ދިޔަ. ފާއިތުވި ވޯލްޑް ކަޕުގައި ވާދަކުރީ އެފްރިކާގެ ފަސް ޓީމު އެކަނި. މިއިން ދައްކުވައިދެނީ ހުރިހާ ޓީމެއް ހިމަނައިގެން، އެ ފުރުސަތު ދިނުމުގެ މުހިންމުކަން،“ އޭނާ ވިދާޅުވިއެވެ.

ވޯލްޑް ކަޕުގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 32 އަށް ބޮޑުކުރީ 1998 ވަނަ އަހަރުއެވެ. ދެން އަންނަ 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިން ގުޅިގެންނެވެ. އަދި އޭގެ ފަހުން 2034 ވަނަ އަހަރުގެ މުބާރާތް ބާއްވާނީ ސައޫދީ އަރަބިއްޔާގައެވެ.

މެޗުތަކުގެ ތެރެއިން ދޭ ހައިޑްރޭޝަން ބްރޭކްތަކާއި، ޓިކެޓް އަގުތަކާ ބެހޭ ގޮތުންވެސް އިންފަންޓީނޯ ވާހަކަދެއްކެވިއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ހައިޑްރޭޝަން ބްރޭކްތަކަކީ ޓީވީ ޕާޓްނަރުންނަށް އިޝްތިހާރު ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

”މިއީ ބަހުސް ގިނަ މައުޟޫއެއް. ފާއިތުވި އަހަރު އެމެރިކާގައި ބޭއްވި ކްލަބް ވޯލްޑް ކަޕުގައި ވަރަށް ހޫނުގަދަ ދުވަސްވަރު ކޫލިން ބްރޭކްތައް ދިނިން. މިފަދަ ބްރޭކްތައް ގާތްގަނޑަކަށް 60 ޕަސެންޓު މެޗުތަކުގައި ދިން، ނަމަވެސް 40 ޕަސެންޓު މެޗުތަކުގައި ދިޔައީ ދޭގޮތަށް ނޫން، ފިނިހޫނުމިން މާ ބޮޑަށް މަތިނުވުމުން. ގިނަ ބައެއްގެ ޝަކުވާއަކީ ހުރިހާ ޓީމަކަށްވެސް އެއްގޮތް ހާލަތެއް ދިމާވާން ޖެހޭކަން،“ އޭނާ ވިދާޅުވިއެވެ.

ޓިކެޓް އަގުތައް ބޮޑުކަމަށް ފާޑުކިޔުން އަމާޒުވެފައިވާތީ އެކަމަށް ރައްދުދެއްވަމުން އިންފަންޓީނޯ ވިދާޅުވީ، ”ސްޓޭޑިއަމްތައް ފުރިފައި ހުރީ. ކެޕޭސިޓީ ބޭނުންކުރެވިފައިވަނީ 99.7 ޕަސެންޓަށް. އަދި މުބާރާތް ނިމުމުގެ ކުރިން 99.9 ޕަސެންޓަށް އިތުރުވުމަކީ ވަރަށް ގާތްކަމެއް. ޓިކެޓް އަގުތައް ކަނޑައެޅީ މުބާރާތުގެ ކުރިން ތަޖުރިބާކާރުން. ބައެއް ފަރާތްތަކުން މާ ބޮޑޭ ބުނި އަގުތައް، މިހާރު ސެކަންޑަރީ މާކެޓުގައި ގާނޫނީގޮތުން ހުއްދަ ތަނެއްގައި 3 ނުވަތަ 4 ގުނަ އަގުގައި ވިއްކަމުންދާކަން ފެންނަން އެބައޮތް،“ ކަމަށެވެ.

ޖުމްލަ 39 ދުވަހުގެ ވޯލްޑް ކަޕުން ފީފާއަށް ޖުމުލަ 13 އިން 14 ބިލިއަން ސުވިސް ފްރޭންކް (16.08 ބިލިއަން ޑޮލަރާއި 17.32 ބިލިއަން ޑޮލަރުގެ އަދަދެއް) ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އިންފަންޓީނޯ ވިދާޅުވިއެވެ. ”އެއީ ވަރަށް ހިތްހަމަޖެހޭ ވަރެއް،“ އޭނާ ވިދާޅުވިއެވެ.