ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދުތައް ބޮޑުތަނުން އިތުރުވެ, ޑެފިސިޓް 4.4 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން, މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 32 ބިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ޕަސެންޓުގެ ކުރިއެރުމެކެވެ.
ދައުލަތުގެ ޖުމުލަ ހަރަދު 36 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 18.3 ޕަސެންޓުގެ އިތުރުވުމެކެވެ.
ފިނޭންސް މިނިސްޓްރީގެ ރިޕޯޓް ދައްކާ ގޮތުން, ހަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ އެހީއާއި ސަބްސިޑީއަށް ކުރި ހޭދައާއި އާސަންދައަށް ކުރި ހަރަދު ބޮޑުތަނުން އިތުރުވުމެވެ.
އެގޮތުން އެހީއާއި ސަބްސިޑީގެ ގޮތުގައި ކުރި ހަރަދު ވަނީ 44 ޕަސެންޓް އިތުރުވެ, 10 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އޭގެ ތެރެއިން ސަބްސިޑީއަސް ކުރި ހޭދަ 71.8 ޕަސެންޓް އިތުރުވެ, ހަތަރު ބިލިއަން ރުފިޔާއަށް އަރާފައިވާއިރު އާސަންދައަށް ކުރި ހަރަދު 23.6 ޕަސެންޓް އިތުރުވެ, ދެ ބިލިއަން ރުފިޔާއަށް ވަނީ އަރައިފަ އެވެ.
އޭގެ އިތުރުން މުސާރައާއި އުޖޫރައަށް ކުރި ހޭދަ 14 ޕަސެންޓް އިތުރުވެ 6 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކަ އެވެ.


