ކާރިސާތަކަށް ސްޓެލްކޯ އިން އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ސްޓެލްކޯއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި
އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން އެވެ.
އެ އެއްބަސްވުމުގެ ދަށުން:
• ސްޓެލްކޯގެ މަސައްކަތްތައް ހިންގުމަށް މިހާރު ރާވާފައިވާ ނިޒާމުތަކުގައި ހުރި ނިޒާމީ ހިރާސްތައް ދެނެގަތުމަށް އެންޑީއެމްއޭ އިން އެހީވާނެ
• ސްޓެލްކޯގައި މިހާރު އެކުލަވާލާފައިވާ ކްރައިސިސް މެނޭޖްމަންޓްގެ އޮނިގަނޑުތައް ދިރާސާކޮށް ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ކުންފުނީގެ ކްރައިސިސް މެނޭޖްމަންޓާއި ކުއްލި ހާލަތު އިޖާބައިގެ ގާބިލުކަމުގެ އޮނިގަނޑު އަދި (ކްރައިސިސްގެ ވަގުތުގައި) ހިދުމަތް ކުރިއަށް ގެންދިއުމުގެ އެނަލިސިސްއެއް ހަދައި ރަނގަޅު ކުރެވެން ހުރި ކަންކަން ދެނެގަނެވޭނެ
• ސްޓެލްކޯއަށް އާ ކްރައިސިސް މެނޭޖްމަންޓް ޕްލޭނެއް ގާއިމުކުރާނެ. އެގޮތުން ގެއްލުންތަކާ ގުޅިގެން އަމަލުކުރާނެ ގޮތާއި ކުންފުނީގެ އެތެރޭގައި ބޭނުންކުރާނެ ކްރައިސިސް މެނޭޖްމަންޓް ފްރޭމްވޯކްއެއް އެކުލަވާލާނެ
• ކުންފުނީގައި ކޮމްޕެނީ އެމަޖެންސީ ރެސްޕޮންސް ޓީމެއް ގާއިމުކޮށް، އެ މަސައްކަތަށް ސްޓެލްކޯގެ މުވައްޒަފުންގެ ތެރެއިން ޓީމެއް ތަމްރީނުކުރުމުގައި އެންޑީއެމްއޭ އިން އެހީވާނެ.
• ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ އަމަލީ އެކްސަސައިޒްތައް ކުރިއަށް ގެންދެވޭނެ
• ކުއްލި ހާލަތުގައި ރައްކާތެރިކަމާއެކު ސްޓެލްކޯގެ އިމާރާތްތަކުން މީހުން ހުސްކުރުމަށް މިހާރު އެކުލަވާލާފައިވާ ޕްލޭންތައް ވިލަރެސްކޮށް، އެފަދަ ޕްލޭންތައް އަދާހަމަކުރެވޭނެ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއަކީ އަބަދުވެސް ގައުމީ ކާރިސާތަކުގައި އެންޑީއެމްއޭއާ އަދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާ ބައެއް ކަމަށާއި ނަމަވެސް ސްޓެލްކޯއަށް އެފަދަ ކާރިސާތަކެއްގައި އަމަލުކުރާނެ ގޮތެއް މިހާތަނަށް ގާއިމުކުރެވިފައި ނެތް ކަމަށެވެ.
”ގައުމީ ކާރިސާތަކުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައެއް ނެތް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގަ އެބަހުރި އަޅުގަނޑުމެންގެ ތެރޭގައި ހިނގާ ކަންތައްތަކުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅިފައި. ގައުމީ ފެންވަރެއްގައި ގުޅިގެން މިފަދަ މަސައްކަތެއް ކުރުން މުހިންމުކަން އަޅުގަނޑުމެންނަށް ފެންނާތީ ސްޓެލްކޯއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އާއެކު ވެވުނު މަޝްވަރާތަކުގެ މަތިން މިއަދު މި ފަހުމުނާމާގައި މި ސޮއިކުރީ“ ފަހުމީ ވިދާޅުވި އެވެ.
ހިސާން ހަސަން ވިދާޅުވީ، ކާރިސާއާ ގުޅޭ ކަންކަން ބެލެހެއްޓުމުގެ ގާނޫނުގައި ކުންފުނިތަކުގެ ދައުރު ވަރަށް ފުޅާކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
އަދި ކުންފުނިތަކުން ކާރިސާގެ ވަގުތު އެންޑީއެމްއޭއާ އެކީގައި ކުރަން ކަނޑައަޅާފައިވާ ވަރަށް ބައިވަރު ދާއިރާތަކާއި މަސައްކަތްތައް ހިމެނުނު ނަމަވެސް މީގެ ކުރީގެ އަހަރުތަކުގައި އެފަދަ މަސައްކަތްތައް ކުންފުނިތަކާ އެކީގައި ކުރުމަށް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވި އެވެ..
”އިރާދަކުރެއްވިއްޔާ މިއަދު މި ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން ސްޓެލްކޯއާ އެކީގައި އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި ވަރަށް ގިނަ މަސައްކަތްތަކެއް ފުޅާ ދާއިރާއެއްގައި ކުރުމަށް ވަނީ ރާވާފައި. މިގޮތުން ސްޓެލްކޯއަކީ ކްރިޓިކަލް ހިދުމަތެއް ފޯރުކޮށްދެއްވާ ކުންފުންޏަކަށް ވާހިނދު މި ހިދުމަތަކީ ކާރިސާގެ ވަގުތުގައިވެސް މުޖުތަމައުއަށް، ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދޭންޖެހޭ ހިދުމަތަކަށް ވާއިރު މިކަން ކާރިސާގެ ވަގުތުގަވެސް ކުރެވޭނެ ގޮތްތައް ރާވާ ހިނގުމުގައި އަދި މީގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ދައުރު ފުޅާކޮށް، ސްޓެލްކޯގެ މުވައްޒަފުންނަކީ ކާރިސާތަކަށް ވިލުންތެރި، މި މަސައްކަތުގައި ޑިޒާސްޓާ މެނޭޖްމަންޓްއާ އެކީގައި އެއްކޮށް މަސައްކަތް ކުރުމުގެ ގާބިލުކަން ލިބިފަވާ މުވައްޒަފުންތަކެއްގެ ގޮތުގައި ތައްޔާރުކުރުމަށް ވަނީ ރޭވިފަ“ ހިސާން ވިދާޅުވި އެވެ.
ގުޅުންހުރި
ނަތަންޔާހޫ ހައްޔަރުކުރަން އައިސީސީން ކުރި އަމުރަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެ އާއި އިންޑިއާގެ ދެމެދު ރުޕީސް އާއި ރުފިޔާ އިން މުއާމަލާތް
އެސްޓީއޯ އިން ބިނާކުރި އެލައިޑް، މާކެޓުގައި މިއަދު އެންމެ ބޮޑު ހިއްސާ
ލޯބިވާ މީހުން ދޫކޮށް މަރުވެ ދާންޖެހޭނަކަމީ ދުންޔަވީ ހަގީގަތެވެ. އެކަމަކު އާހިރަތް
މެންބަރުކަން ގެއްލުވާލުމުގެ ބާރު ސިޔާސީ ޕާޓީއަށް ދިނުމުން ރައްޔިތުންގެ ބާރު ގެއްލޭ:
ސްޓެލްކޯގެ ފުރިހަމަ މަސައްކަތެއް؛ އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށް ރީތިކޮށްލައިފި