ސެޕްޓެމްބަރ 21, 2024

ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއަށް 9 އަހަރު ފަހުން އެއީ ޔާމީން ކުޅުނު ޑްރާމާއެއް ކަމަށް ސިފަކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރިޔާސީ ލޯންޗުކޮޅު، ’ފިނިފެންމާ‘ ގައި އެއްޗެއް ގޮއްވާލި ހާދިސާއަކީ ޔާމީން ކުޅުއްވި ޑްރާމާއެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ސިފަކުރައްވައިފި އެވެ.

ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލީ 2015ވަނަ އަހަރުގެ ސެމްޓެމްބަރު މަހުގެ ތެރޭގައި ޔާމީން ހައްޖަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި މާލެ ވަޑައިގަތް ދުވަހު އެވެ. އެ ހާދިސާގެ ތުހުމަތުކޮށް އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ޓެރަރިޒަމްގެ ކުށުގައި 15 އަހަރަށް ޖަލަށްވެސް ލި އެވެ. ނަމަވެސް އެ ހުކުމް މިހާރު ވަނީ ބާތިލުކޮށްފަ އެވެ.

އެ ހާދިސާއަށް ނުވަ އަހަރު ވާންދާއިރު ސަންގު ޓީވީއަށް މިރޭ އަބްދުއްރަހީމް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ޔާމީން މިހާރު ދައްކަވާ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

”އަޅުގަނޑަށް މިހާރު ބުނަން ކެރިދާނެ މި ފިނިފެންމާ ލޯންޗު ގޮވުން މިއީ ޔާމީން އިސްވެ ހުރެގެން ކުޅުނު ޑްރާމާއެއް ނޫން ބާއޭ. އެ ހިސާބަށް މިހާރު ޔާމީންގެ ވާހަކަ ހިނގައްޖެ،“ އަބްދުއްރަހީމް ވިދާޅުވި އެވެ.

ޔާމީން ކައިރީގައި މިހާރު ގެންގުޅުއްވަނީ ވެސް މީގެ ކުރިން އަނިޔާ ދިން ކަމަށް ވިދާޅުވާ މީހުންކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، ލޯންޗު ގޮވުމާއެކު ބޭރަށް ނިކުމެ ބެލިއިރު ރަސްމީ ފާލަން ކައިރީގައި ނޫކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހުރި ކަމަށާއި އެއީ އެކަން ކުރި މީހާކަން ވަގުތުން އެނގުނު ކަމަށް ޔާމީން ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް އެ މީހަކީ ޔާމީންގެ އަރިހުގައި މިހާރު ސިޔާސީ މަސައްކަތް ކުރައްވާ މާލޭ އޭރިއާގެ އޭރުގެ ކޮމާންޑަރު އަދި އެ މައްސަލައިގައި ޖަލު ހުކުމެއް އިއްވި ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދި ލޯންޗުގައި އެއްޗެއް ގޮއްވާލީ ޔާމީންއަށް އިންޓެލިޖެންސް މައުލޫމާތު ނުދޭތާ ހަ މަސް ދުވަސް ފަހުން ކަމަށް އޭރު އެ މަނިކުފާނު ވިދާޅުވި އިރު، އެ މައުލޫމާތު ދޭން ހުންނެވި ބޭފުޅަކީ މިހާރު ޔާމީންގެ އެންމެ އަރިސް އެއް ބޭފުޅާ ކަމަށްވާ އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުސައިން ވަހީދު ކަމަށްވެސް ވިދާޅުވި އެވެ.

ލޯންޗު ގޮވި ހާދިސާއަށްފަހު އެ ސުވާލު ނުއުފެދުނީ ކީއްވެތޯ ނޫސްވެރިޔާ ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ ޔާމީން ދެއްކެވި ވާހަކަތައް ގަބޫލުކުރެއްވުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މިހާރު ޔާމީން އަމަލުކުރައްވަމުންދާ ގޮތުގެ ސަބަބުން ފިނިފެންމާ ހާދިސާއާމެދު ސުވާލު އުފެދޭ ކަމަށާއި މަންޒަރު މިހާރު ސާފުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.