ނޮވެމްބަރ 22, 2024

ޕީޕީއެމް އުވާލިޔަސް ލޯގާއާއި ކުލަ ބޭނުންނުކުރެވޭ ގޮތް ހަދަނީ

ޕީޕީއެމް އުވާލުވުމުގެ ވާހަކަަތައް ދެކެވިފައިވަނިކޮށް ޕީޕީއެމް އުވާލިޔަސް އެ ޕާޓީގެ ކުލައާއި ލޯގޯ އަދި ޕާޓީ ރަމްޒުކޮށްދޭ އެއްވެސް އެއްޗެއް ވަކި މުއްދަތަކަށްފަހު ނޫނީ އަލަށް އުފައްދާ ސިޔާސީ ޕާޓީއަކަށް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފި އެވެ.

ސިޔާސީ ޕާޓީގެ ގާނޫނަށް އެގޮތަށް އިސްލާހު ގެންނަން ހުށަހެޅީ ސަރުކާރުގެ ފަރާތުން ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ހުށަހެޅުއްވި ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީ މެންބަރު އަޝްރަފް ރަޝީދު އެވެ. މިއަދު ކުރިއަށްދިޔަ މުޅި މަޖިލީހުގެ ކޮމިޓީގައި އަޝްރަފް ވަނީ ސިޔާސީ ޕާޓީގެ ގާނޫނަށް އިތުރު އިސްލާހުތަކެއް ގެންނަން ހުށަހަޅައިފަ އެވެ.

އަލަށް ހުށަހެޅި ދެ އިސްލާހު:

– ޕާޓީއެއް އުވާލި ނަމަވެސް އެ ޕާޓީގެ ނަމާއި ނިޝާނާއި ސިއްކަ އާއި ކުލަ ފަދަ ޕާޓީ ރަމްޒުކޮށްދޭ ތަކެތި ޕާޓީ އުވާލާތާ ފަސް އަހަރު ނުވާ ނަމަ ބޭނުން ނުކުރެވުން / މި އިސްލާހު ފާސްކުރީ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި 41 މެންބަރުންގެ އިއްތިފާގުން
– ފަސް އަހަރަކުން އެއް ފަހަރު ގައުމީ ބައްދަލުވުމެއް ނުބޭއްވިޔަސް ޕާޓީ އުވާނުލެވޭ ގޮތަށް ގާނޫނު ބަދަލުކުރަން ހުށަހެޅި އިސްލާހު/ މި އިސްލާހު ފާސްކުރީ ކޮމެޓީގައި ބައިވެރިވެވަޑައިގެން ވޯޓު ދެއްވި 39 މެންބަރުންގެ އިއްތިފާގުން

އެފަދަ އިސްލާހުތަކެއް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ތަމްސީލުކުރައްވާ މެންބަރު އަޝްރަފް ހުށަހެޅުއްވިއިރު ޕީޕީއެމް އުވާލުމުގެ ވާހަކަތަކެއް މީގެ ކުރިން ވަނީ ދެކެވިފަ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ޕީޕީއެމް ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުން އެ އިސްލާހުތައް ފާސްކޮށްފިނަމަ ޕީޕީއެމް އުވާލި ނަމަވެސް އެ ޕާޓީގެ ނަމާއި ކުލަ އާއި ނިޝާން ޕީޕީއެމް އުވާލާތާ ފަސް އަހަރުވުމުން ނޫނީ އާ ޕާޓީއަކަށް ވެސް ބޭނުމެއް ނުކުރެވޭނެ އެވެ.