ފްލެޓް ލިސްޓު ބުރާސްފަތި ދުވަހު އިއުލާންކުރާނަން: ރައީސް

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ 4،000 ފްލެޓުގެ ލިސްޓު މި ހަފްތާގެ ބުރާސްފަތި ދުވަހު ނެރޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. ހުޅުދެލީ މިއަދު ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އެ މަނިކުފާނު ވިދާޅުވީ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓަރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ފުލެޓް ލިސްޓު އިއުލާންކުރާނެ ކަމަށެވެ.

”އެ ލިސްޓު ނިކުންނައިރު އެނގޭނެ ހަމަ ހުރިހާ ތަފްސީލެއް. ލިބޭ ފަރާތްތަކާއި ނުލިބޭ ބަޔަކު ތިބިނަމަ، ނުލިބުނީ ކީއްވެ ކަމާއި ވަރަށް ޓްރާންސްޕޭރެންޓްކޮށް އެނގޭނެ،“ ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ އެންމެ މުހިއްމު ވައުދުކީ ބޯހިޔާވަހިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓްގައި މައްސަލަތައް ހުރި ކަމަށް ބުނެ ފްލެޓްތައް ހަވާލުނުކޮށް ލަސްކުރަމުންތާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެެވެ.

މިދިޔަ ސަރުކާރުގެ ”ގެދޮރުވެރިޔާ“ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފްލެޓު ދިނުމަށެވެ. އަދި ފުރަތަމަ ނިމޭ 4،000 ފްލެޓު ހަވާލުކުރަން ބުނީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު މީހުންނަށެވެ.