ވޯލްޑް
ކަޕް

މެސީގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުނީ ބައްޕަ ބަލިވެ އުޅޭތީ 

އާޖެންޓީނާ ތަރި ލިއޮނެލް މެސީ އާއި އޭނާގެ ބައްޕަ ޖޯޖް މެސީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗު 0-3 އިން އާޖެންޓީނާ ކާމިޔާބުކުރި އިރު، ކެޕްޓަން ލިއޮނެލް މެސީ ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފައެވެ. މެޗުގެ ފުރަތަމަ ގޯލަށްފަހު މެސީ ވަރަށް ބޮޑަށް އަސަރުކޮށްފައިވާ މަންޒަރު ފެނިގެންދިޔައެވެ. އުމުރުން 38 އަހަރުގެ މެސީގެ ލޮލުން ކަރުނަ ފޮހެމުން ދިޔަ އިރު، މެޗަށްފަހު އޭނާ ބުނީ އެފަދަ އިހުސާސެއް ކުރެވުނީ ވަރަށް އުނދަގޫ އަދި ހަލަބޮލި ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ކަމަށެވެ.

އޭގެ ދެ ދުވަސް ފަހުން މެސީގެ އާއިލާއިން ނެރުނު ބަޔާނުގައި ކަށަވަރުކޮށްދިނީ މެސީގެ ބައްޕަ، 68 އަހަރުގެ ޖޯޖް މެސީ ސިއްހީ މައްސަލައަކާ ކުރިމަތިލަމުންދާ ކަމަށެވެ. އާއިލާއިން ބުނި ގޮތުގައި ޖޯޖް މިހާރު ހުރީ ޑޮކްޓަރުންގެ ބެލުމުގެ ދަށުގައެވެ. އަދި އޭނާގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

އާއިލާއިން އިތުރަށް ބުނީ ޖޯޖްގެ ހާލަތާ ގުޅޭގޮތުން ރަނގަޅު މައުލޫމާތު އެނގޭނީ ހަމައެކަނި އާއިލާގެ އެންމެ ގާތް މީހުންނަށް ކަމަށެވެ. އެހެންކަމުން ރަސްމީ ފަރާތްތަކުން ނޫން ގޮތަކަށް ފަތުރާ އެއްވެސް ވާހަކައަކަށް ނުވަތަ މައުލޫމާތަކަށް އިތުބާރު ނުކުރުމަށް އާއިލާއިން ވަނީ އެދިފައެވެ.

ޖޯޖް މެސީއަކީ ލިއޮނަލް މެސީގެ ކެރިއަރުގެ ކާމިޔާބީތަކުގެ ފަހަތުގައި ހުރި މުހިންމު ފަރާތެކެވެ. އޭނާ ވަނީ މެސީގެ އޭޖެންޓްގެ އިތުރުން ވިޔަފާރީގެ ކަންކަން ބަލަހައްޓާ މީހެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

މެޗަށްފަހު މީޑިއާއިން ކުރި ސުވާލަކަށް ޖަވާބުދެމުން މެސީ ބުނީ، އޭނާގެ އަސަރުގަދަ މަންޒަރުތަކަކީ ކުޅިވަރާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އެއީ ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށާއި، ނަމަވެސް އެކަމުން އަރައިގަތުމަށްޓަކައި ޓީމުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އޭނާ ފާހަގަކުރިއެވެ.

ގްރޫޕު ސްޓޭޖުގައި އަލްޖީރިއާއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ހެދި ހެޓްރިކާއެކު އޭނާ ވަނީ، ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާގެ ގޯލު ރެކޯޑާ އަރައި ހަމަކޮށްފައެވެ. މެސީ އަދި ކްލޯސާ، ވޯލްޑް ކަޕްގައި 16 ގޯލު ޖަހާފައިވެއެވެ. އެހެންކަމުން މެސީ އެންމެ ގޯލެއް ޖަހައިގެން ވެސް އެ ރެކޯޑު މުގުރާލެވޭނެއެވެ.

ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު ޖޭ“ ގައި އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާ ދެން ކުޅޭ މެޗުގައި ނުކުންނަން ޖެހޭނީ އޮސްޓްރިއާއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން އަންނަ ހޯމަ ދުވަހުގެ ރޭ 10:00 ގައެވެ.