ވޯލްޑް
ކަޕް

މޮރޮކޯއަށް ބަދަލެއް ނުހިފުނު، ވަރުގަދަކަމާއެކު ފްރާންސް ސެމީއަށް

މޮރޮކޯ ކޮޅަށް ގޯލު ޖެހުމަށްފަހު ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ވޯލްޑް ކަޕް 2026 ގައި މޮރޮކޯ ބަލިކޮށް ފްރާންސުން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ފްރާންސާއި މޮރޮކޯ ވަނީ އެންމެ ފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގެ ސެމީ ފައިނަލުގައި ވެސް ބައްދަލުކޮށްފައެވެ. މުޅި ދުނިޔެއަށް ހައިރާންކަމެއް ގެނުވި މޮރޮކޯ، އެ މެޗުން ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗު ވެސް 2-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ފްރާންސުންނެވެ. އެއާއެކު ފްރާންސަށް ވަނީ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެފައެވެ.

މެޗުގެ ކުރީކޮޅުގައި ފްރާންސަށް ގޯލު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ފްރާންސް ކެޕްޓަން ކިލިއަން އެމްބާޕޭ އަދި ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ޑަޔޮޓް އުޕަމެކާނޯ ބޮލުން ފޮނުވާލި ހަމަލާ ވެސް މޮރޮކޯގެ ކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ލީޑު ހޯދުމަށް ފްރާންސަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، ކެޕްޓަން ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ، މޮރޮކޯ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ. ފްރާންސަށް އެ ޕެނަލްޓީ ލިބުނީ ޕެނަލްޓީ އޭރިއާ ތެރެއިން އެމްބާޕޭއަށް މޮރޮކޯގެ ނުސައިރް މަޒްރާވީ ކުރި ފުއުލަކާ ގުޅިގެންނެވެ.

ފުރަތަމަ ހާފު ނިމެނިކޮށް ވެސް ފްރާންސަށް ފުރުސަތެއް ލިބިގެންދިޔައެވެ. މޮރޮކޯ އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ޑިޒައިރޭ ޑޫއޭ ފޮނުވާލި ހަމަލާ، މޮރޮކޯ ކީޕަރު ބޯނޯ ވަނީ މަތަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯއަށް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައި ނުވާ އިރު، ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ނުރައްކާކޮށް ފެނުނު ފްރާންސުން ވަނީ މެޗުގެ 60 ވަނަ މިނެޓުގައި ގޯލު ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ. އެ ގޯލާއެކު މި ވޯލްޑް ކަޕްގައި އާޖެންޓީނާ ކެޕްޓަން ލިއޮނެލް މެސީ ޖެހި ގޯލުގެ އަދަދާ ވަނީ އެއްވަރުވެފައެވެ. މެސީ ވެސް ވަނީ އަށް ގޯލު ޖަހައިފައެވެ.

އޭގެ ހަ މިނެޓު ފަހުން ފްރާންސުން ވަނީ ދެ ގޯލުގެ ލީޑެއް ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ފްރާންސަށް އެ ގޯލު ކާމިޔާބުކޮށްދިނީ އުސްމާން ޑެމްބެލޭއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ މޮރޮކޯ ގޯލުގެ ތިރީ ކަނަކަށެވެ.

އެ ގޯލަށްފަހު ވެސް މޮރޮކޯއަށް ގޯލު ޖަހާނެ ހުސް ފުރުސަތުތަކެއް ތަނަވަސްކުރުމަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް މެޗުގެ ފަހުކޮޅު މޮރޮކޯގެ އަޒެދީން އުނާހީ އާއި ނީލް އެލް އާނާވީއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އުނާހީ ފޮނުވާލި ހަމަލާ، ފްރާންސް ކީޕަރު މައިކް މިނިއޯ މަތަކުރި އިރު، ޕެނަލްޓީ އޭރިއާ ތެރެއިން އާނާވީ ފޮނުވާލި ހަމަލާ ދިޔައީ ފްރާންސް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.