ވޯލްޑް ކަޕް 2026 ގެ ކުއާޓާ ފައިނަލުގައި ޔޫރަޕުގެ ޗެމްޕިއަން ސްޕެއިންއާ ދެކޮޅަށް ނުކުންނަ އިރު، ބެލްޖިއަމްގެ އެޓޭކިން ކޮލިޓީއާއި ޔަގީންކަމާއެކު ސްޕެއިން ބަލިކުރެވޭނެ ކަމަށް ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ބުނެފިއެވެ.
މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާސިއާ ބުނީ ސްޕެއިނަކީ މުބާރާތުގެ ފެވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް ކަމަށާއި، ބޯޅަ ޕޮޒެޝަންގައި ދުނިޔޭގައި އެންމެ މޮޅު ޓީމަކީ އެއީ ކަމަށެވެ. ނަމަވެސް ބެލްޖިއަމަކީ ވޯލްޑް ކަޕުގައި ދެވަނައަށް އެންމެ ގިނަ ގޯލު ޖެހި ޓީމު ކަމަށާއި، ސްޕެއިން ބަލިކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އޭނާ ބުންޏެވެ.
ބެލްޖިއަމްގެ ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫ ބުނީ ސްޕެއިން ކައިރިން މޮޅުވުމަށް ފުރިހަމަ ކުޅުމެއް ދައްކަން ޖެހޭނެ ކަމަށެވެ. ”މިހާ ހިސާބަށް އައިސް، ހަމައެކަނި ގެއަށް ދާކަށެއް ނުކުޅޭނެ. ސްޕެއިނަކީ މޮޅު ޓީމެއް. އެކަމަކު އަހަރެމެން ތައްޔާރު، އަދި އެމީހުންނަށް އުނދަގޫ ކުރެވޭނެ ހުނަރު އަހަރެމެންގެ ކިބައިގައި އެބަހުރި،“ އުމުރުން 33 އަހަރުގެ ފޯވަޑް ލުކާކޫ ބުންޏެވެ.
ބެލްޖިއަމުން ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ގަދަ 16 ގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ އެމެރިކާ 4-1 އިން ބަލިކޮށްނެވެ. ލޮސް އެންޖެލެސް ސްޓޭޑިއަމުގައި ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ސަޕޯޓަރުންގެ ޕްރެޝަރާ ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް ގާސިއާ ބުނީ ސަޕޯޓަރުންނެއް ގޯލެއް ނުޖެހޭނެ ކަމަށެވެ.
”އަހަރެމެން ގޮތް ނޭނގޭ ޓީމެއް ކަމުގައި ވިޔަސް، ސްޕެއިނާ ވާދަކުރަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،“ ގާސިއާ ބުންޏެވެ.
ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ބެލްޖިއަމުން ނުކުންނާނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.


