ނޯވޭ ބަލިކޮށް ވޯލްޑް ކަޕް ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކުރަން ޖެހޭ ކަމަށް އިންގްލެންޑުގެ ކޯޗު ޓޯމަސް ޓުޗެލް ބުނެފިއެވެ.
ރޭ ކުޅުނު ކުއާޓާ ފައިނަލުގެ މެޗުގައި ނޯވޭއިން ފުރަތަމަ ގޯލު ޖެހި ނަމަވެސް، ޖޫޑް ބެލިންހަމް ދެ ގޯލު ޖަހައި 2-1 އިން އިންގްލެންޑަށް މޮޅު ހޯދައިދިނެވެ. ޓީމުގެ ކުޅުމާ މެދު ޓުޗެލް ހިތްހަމަނުޖެހިފައި ހުރިކަން ބެލިންހަމަށް އެނގޭކަން މެޗަށްފަހު އޭނާ ވަނީ ފާހަގަކޮށްފައެވެ.
”ބޭރުގައި އެއީ އުނދަގޫ ކަމެއް. ހުރިހާ ކުޅުންތެރިން ވަރަށް ބުރަ މަސައްކަތެއް ކުރި. ބުރަ މަސައްކަތްކުރި ކުޅުންތެރިންނަށް އަހަރެންގެ އެންމެ ފުރިހަމަ ޝުކުރު އަދާކުރަން،“ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބެލިންހަމް ބުންޏެވެ.
ބެލިންހަމްގެ ބަސްތަކާ އެއްބަސްވޭތޯ ސުވާލުކުރުމުން ޓުޗެލް ބުނީ، އެކަމާ އެއްވެސް މީހަކު ދެބަސްނުވާ ކަމަށާއި ކުޅުންތެރިން ކުރި ބުރަ މަސައްކަތާއި ޓީމް ސްޕިރިޓް ފާހަގަކުރެވޭ ކަމަށެވެ.
”އެކަމަކު އަހަންނަކީ ފުޓުބޯޅަ ކޯޗެއް. އަހަރެމެންނަށް މިއަށްވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށް ގަބޫލުކުރަން. މި މެޗަކީ މާ މޮޅު ފެންވަރެއް ދެއްކުނު މެޗެއް ނޫން،“ ޓުޗެލް ބުންޏެވެ.
ބެލިންހަމާއި ކެޕްޓަން ހެރީ ކޭން ވަނީ މުބާރާތުގައި އިންގްލެންޑުން ޖެހި 13 ގޯލުގެ ތެރެއިން 12 ގޯލު ޖަހައިދީފައެވެ. ކޮންމެ ކުޅުންތެރިޔަކު ވެސް ވަނީ ހަ ގޯލު ޖަހައިފައެވެ.
ޓުޗެލް ބުނީ އެ ދެ ކުޅުންތެރިންނަކީ ނަތީޖާ ކަނޑައަޅައިދޭ ކުޅުންތެރިން ކަމަށާއި އެއީ ޒިންމާ ނެގުމަށް ލޯބިކުރާ ކުޅުންތެރިން ކަމަށެވެ. ނަމަވެސް ހަމަލާ ރާވާ ގޮތް ރަނގަޅުކޮށް، އެހެން ކުޅުންތެރިންނަށް ވެސް ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
މޮޅު ހޯދީ ނަމަވެސް ކުޅުމާ މެދު ހިތްހަމަނުޖެހެނީތޯ އަލުން ސުވާލުކުރުމުން ޓުޗެލް ބުނީ ”ނަތީޖާއާ މެދު ފަހުރުވެރިވެ އުފާވޭ. މި ޓީމާ ގުޅިފައިވާ ކަމުގެ އިހުސާސް ކުރެވޭ. އެކަމަކު ކުޅުނު ގޮތާ މެދު ސައްތައިން ސައްތަ ހިތްހަމައެއް ނުޖެހޭ. އެ ބަހުގައި ދެމިހުންނާނަން،“ ކަމަށެވެ.
އިންގްލެންޑުން ސެމީ ފައިނަލުގައި އަންނަ ބުދަ ދުވަހު ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށެވެ.


