އެފްޑީސީން މި ހެދީ ހެޔޮކޮށް! ކުލި ނުދައްކާތީ ދެ ޔުނިޓެއްގެ އެގްރިމެންޓް ބާތިލުކޮށް، ތަން ހުސްކުރަން އަންގައިފި

ކުލި ނުދައްކައިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ އަމާން ޓަވަރުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް, ތަން ހުސްކުރަން އަންގާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެފްޑީސީން މިއަދު ބުނީ, އެ ފިޔަވަޅު އަޅާފައިވަނީ އެ ޔުނިޓް ހަވާލުކުރުމުގެ ކުރިން އެ ކޯޕަރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން, ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ޔުނިޓްތަކަށް ތަކުރާރުކޮށް ފުރުސަތު ދެވުނު ކަމަށާއި އެ މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ކުލި ދެއްކުމަށް ނޯޓިސް ފޮނުވުމުގެ އިތުރުން އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓި, ފަހި ޕޯޓަލް, އެސްއެމްއެސް, އީމެއިލް އަދި ލިޔުން ހަވާލުކުރެވިފައިވާ ކަމަށް ބުންޏެވެ.

އެފްޑީސީން ބުނީ, އެ ފުރުސަތުތަކާއި މުއްދަތު ފަހަނައަޅައި ދިޔައިރުގައިވެސް އެ ޔުނިޓްތަކުން ކުލި ދައްކާފައިނުވާތީ, އެއްބަސްވުން ބާތިލުކޮށް, ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި ޔުނިތް ހުސްކޮށް ހަވާލުކުރުމަށް މިހާރު އަންގާފައިވާ ކަމަށެވެ. އަދި އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން, އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދެވިފައިވާ އެކްސެސް ވަނީ ކަނޑާލާފައިވާ ކަމަށް ބުންޏެވެ.