2 މާރިޗު 2026 – ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު
ރަސްމާލޭން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސްއަށް ދޭން އުޅޭ މައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ, ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
”މިކަމަކީ އަޅުގަނޑުމެން ރިފަރެންޑަމްއެއް ހިންގާނެ ކަމެއް ނޫން. އިނގޭތޯ. މި ބިލުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި މިއޮތީ ރާއްޖޭގެ ރައްޔިތުންގެ ހައްގުތަކާއި ދިވެހި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާސަދަތީ ބާރު ހިމާޔަތްވާ ގޮތާއި އަޅުގަނޑުމެންގެ ގާނޫނުތަކާއި މި ހުރިހާ ކަމެއް އަދި އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ބައްޓަން ކުރެވިފައިވާ ގޮތާއި މި ހުރިހާ ކަމަކަށް ރިއާޔަތްކޮށްފައި މިއޮތީ,“ ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅުން ދައްކާ ވާހަކަތަކަކީ ސިޔާސީ ބޭނުމެއްގައި ދައްކާ އަސާސެއް ނެތް ހިޔާލީ ވާހަކަތަކެކެވެ.
ރަސްމާލެ މަޝްރޫއުއާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ވިދާޅުވި އިރު, އިދިކޮޅު މައި ޕާޓީ, އެމްޑީޕީން ވަނީ އެފަދަ ވޯޓަކަށް ދިއުމަށް ގޮވާލަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފަ އެވެ.
ރަސްމާލެ ފަދަ ރައްޔިތުންނާ ގުޅުންހުރި ބޮޑު ބިމެއް ބަޔަކަށް ދިނުމަށް އެއްބަސްވުން ހެދުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފަ އެވެ.











ކޮމެންޓް