އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބައިނަލްއަގުވާމީ ރިއަލް އެސްޓޭޓް މަޝްރޫއުތައް ރާއްޖޭގައި ހިންގުމަށް އިސްކަން ދެއްވުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.
އަދާލަތު ޕާޓީން މިފަދައިން ގޮވާލާފައިމިވަނީ ސަރުކާރުން ”ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު“ގެ ނަމުގައި ހާއްސަ ގާނޫނެއް އެކުލަވާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައި ވަނިކޮށެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ދިވެހިރާއްޖޭގައި ބޭރުގެ ފަރާތްތައް ދިގުމުއްދަތަކަށް ދިރިއުޅޭ ވަކި ހާއްސަ ސަރަހައްދުތަކެއް ގާއިމުވެގެން ދިއުމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމަށާއި، އާންމު މަސްލަހަތަށާއި، ދިވެހި ސަގާފަތުގެ އިތުރުން ގައުމީ ސަލާމަތީ ރައްކާތެރިކަމަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެކެވެ.
އެހެންކަމުން، ބޭރު މީހުން ދާއިމީކޮށް ނުވަތަ ދިގުމުއްދަތަކަށް ދިރިއުޅޭ ގޮތަށް ސަރަހައްދުތައް ތަރައްގީކުރުމުގެ ބަދަލުގައި، ރިއަލް އެސްޓޭޓް މަޝްރޫއުތައް އަމާޒުކުރަންވާނީ ބޭރު މީހުން ޗުއްޓީ ހޭދަކުރާ ވަގުތީ ”ހޮލިޑޭ ހޯމްސް“ ތަރައްގީކުރުމަށް ކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ސަރުކާރަށް އިލްތިމާސްކޮށްފައެވެ.
ރަސްމާލޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ހިންގަން ރާވާފައިވާ ބޮޑު މަޝްރޫއާ ގުޅޭގޮތުން އަދާލަތު ޕާޓީން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، މައުލޫމާތު އޮޅުންފިލުވައިފައެވެ. އެގޮތުން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ޕާޓީގެ ރައީސް މުހައްމަދު ޝިފާނާއި އިސް ލީޑަޝިޕުން ވަނީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބާ ބައްދަލުކުރައްވާފައެވެ.











ކޮމެންޓް